މަލީހު ނަޝީދަށް: ތިންބާރު އެއްކޮށްގެން، ބަރުލަމާނީ ގެންނަން ހަދާންނައްތާލާ

މަލީހު ނަޝީދަށް: ތިންބާރު އެއްކޮށްގެން، ބަރުލަމާނީ ގެންނަން ހަދާންނައްތާލާ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 10:53
0

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އޮތް ތިންބާރު އެއްކޮށް، ޚުދުމުހުތާރު ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ މަސައްކަތުގެ މަތީން ހަނދާން ނައްތާލުމަށް ރައީސް ނަޝީދަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.

މަލީހު މިހެން ވިދާޅުވީ ސަރުކާރުު ހިއްސާވާ ކުންފުންޏެއްގެ އިސްވެރިއަކު ނުވަތަ ވަޒީރަކު ރުއްސައިގެން ރަށްރަށަށް ތަރައްގީ ގެންނަ ޒަމާން މާޒީވެ ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، ބަރުލަމާނީ ނިޒާމުގެ ސިފަތަކަށް ތާއީދުކޮށް ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ.

މަލީހު ވިދާޅުވީ ރައީސް ނަޝީދަކީ ތިންބާރު ވަކިކޮށް، ބާރުތައް އެއްކުރުމަށް މީގެ ކުރިން އިންތިހާއަށް ދެކޮޅު ހެއްދެވި ބޭފުޅެއްކަމަށެވެެ. ނަމަވެސް މިއަދު ތިމަން މަނިކުފާނަށް ވެރިކަމާއި ޖާހަތުގެ ލައްޒަތާއި ޝަރަފް ލިބެން އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކި އެގޮތަކަށް މުޅި ނިޒާމު ފުރޮޅާލަން ނަޝީދު ކުރައްވާ މަސައްކަތަކީ ރައްޔިތުންގެ ތާއީދު ލިބޭނެ މަސައްކަތެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ ތިބީ ތިންބާރު އެއްކޮށް، ނިޒާމު ގަނޑުބަޑު ކުރުމަށް ޖާގަ ދޭގޮތަކަށް ނޫންކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މުޅި ހަޔާތުގަ 3 ބާރު ވަކިކުރަން މަސައްކަތް ކުރި ކަމަށް ދަޢުވާ ކުރި މީހަކު މިހާރު މިދައްކާ ވާހަކަތަކުން ހަމަ ހަޤީޤަތުގަ އަމިއްލަ އެދުން ބޮޑު އަމިއްލަ ޖާހަތު ބޮޑުކުރަން ކެތްމަދުވެފަ ހުރި މީހެއްކަން ސާބިތުވޭ. ބާރު ޖަމާކޮށް ބަރުލަމާނީގެ މަތިން ހަދާންނައްތާލާ.

– މަލީހު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންނަވަން ބޭނުންފުޅުވާތީ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައީސް ޞާލިޙަށް ވަނީ މެސެޖަކުން ދަންނަވާފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.