ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ރަނގަޅު މާލީ ނަތީޖާއެއް ހޯދައިފިއެވެ.
އެގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބެންކަށް 357 މިލިއަން ރުފިޔާ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ ލިބިފައެވެ. އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު %23 އިތުރު އަދަދެކެވެ. މި ނަތީޖާ ހާސިލްކުރެވިފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބެންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށް ބީއެމްއެލުން ބުނެއެވެ.
މި ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބެންކަށް 537 މިލިއަން ލިބިފައިވާއިރު މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %25 އިތުރު އަދަދެކެވެ. މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެންކަމަށްވެސް ބެންކުން ބުނެއެވެ.
ގައުމީ ބެންކުން ހޫދި މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ދާއިރާ ތަކުން ލިބުނު ނަތީޖާއާ އެކު ކޮވިޑް -19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާކަމަށެވެ.
"މި ނަތީޖާ އާ އެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު. ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިގުއަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން."
– ޓިމް ސޯޔަރ
އަހަރުގެ ފުރަތަމަ ކުއާޓަރގައި ބީއެމްއެލް ގެ ވިގުއަ ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވާކަމަށްވެސް ބެންކުން ބުނެއެެވެ. މިގޮތުން ކ. ގުރައިދޫ އާއި މ. މުލީގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ ގެ ހިދުމަތް މި ކުއާޓަރގައި ވަނީ ފަށާފައެވެ. މި ކުއާޓަރގައި މުޖުތަމައަށް ފޯރުކޮށްދޭ އެހީގެ ދަށުން ބީއެމްއެލް އިން ވަނީ މާލީ ގޮތުން އެހީތެރިވުމަށް 5 ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓެއް ހޮވާފައެވެ. މީގެ އިތުރުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތަކުން އާންމުން ހޭލުންތެރިކަން އިތުރުކުރުވައި މިކަމުން ރައްކާތެރިކުރުމުގެ ގޮތުން 'ސަމާލުވޭ' ގެ ނަމުގައި އައު ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައި ވާކަމަށްވެސް ބެންކުން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބެންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބެންކިންގ ޚިދުމަތާއެކު ބެންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ގައުމީ ބެންކުން މައުލޫމާތުދެއެވެ.