ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކުރުމުން މިނިސްޓަރ ޔުމްނާ މައުމޫން އެކަމަނާގެ ބައްޕާފުޅު ޖަލުގައި އޮންނެވިއިރު ރޯދަމަހު ރައީސް ޔާމީންގެ ވެރިކަމުގައި އަމަލު ކުރެއްވި ގޮތުގެ މަތީން ހަނދާން އާކުރައްވައިފިއެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކުރިކަން ހާމަކޮށް ކަރެކްޝަނުން ކުރި ޓްވީޓް ޓެގްކުރައްވައި މިނިސްޓަރ ޔުމްނާ ވިދާޅުވީ ހަނދާނަށް އަންނަނީ ރައީސް ޔަމީންގެ ވެރިކަމުގައި އެކަމަނާގެ ބައްޕާފުޅުން ރައީސް މައުމޫން ޖަލަށް ލައި ރޯދަމަހުގެ ތެރޭގައި ގެއަށް ބަދަލު ކުރައްވަން އާދޭސް ދެންނެވި ދުވަސްތަކުގެ މަތީންކަމަށެވެ. ބައްޕާފުޅު އާލާސްކަންފުޅާއި އުޅުއްވައި ގެއަށް ބަދަލު ކޮށްދެއްވުމަށް ޢާއިލާއިން ތަކުރާރުކޮށް އެދުނު ނަމަވެސް އެކަން ކޮށްދެއްވާފައިނުވާކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.
ރޯދަމަހެއްގެ ތެރޭގައި ރައީސް މައުމޫން ޖަލުބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން، ޢާއިލާގެ ފަރާތުން، އެތައް ފަހަރެއްގެ މަތީން އެދެމުން ދިޔަ ހަނދާންތައް އާވޭ.
– ޔުމްނާ ވިދާޅުވިއެވެ.
ރައީސް މައުމޫން ޖަލަށް ލާފައިވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ހިލާފަށް ވައްޓާލަން އުޅުނުކަމަށް ތުހުމަތުކޮށް ހިންގި ޝަރީއަތްތަކުގައެވެ. ކުރީގެ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން 2 ދަޢުވާއެއް އުފުލާފައިވާއިރު، މީގެ ތެރެއިން ފުލުހުން ތަޙްޤީޤްކުރަމުންދާ މައްސަލައަކާގުޅިގެން ތަޙްޤީޤަށް ފޯނު ނުދެއްވި މައްސަލާގައި، ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، ދައުލަތުން އުފުލި ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.
ރައީސް މައުމޫން ޖަލުގައިހޭދަ ކުރެއްވި ދުވަސްވަރު އެމަނިކުފާނު މިނިވަން ކުރުމަށް އެތައް މަސައްކަތެއް އޭރު އެމަނިކުފާނުގެ ބޭފުޅުންނާއި، އޭރުގެ އިދިކޮޅު ޕާޓީތަކުން ކޮށްފައިވެއެވެ. ރައީސް މައުމޫންނަކީ ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅެވެ.
ކޮމެންޓު ފޮނުވާ