ނިކް ޖޯނަސްއަށް ޕްރިޔަންކާގެ ފަރާތުން ވަރަށް އަގު ހުރި ފިލާވަޅެއް ދަސްވި ކަމަށް އޭނާ ވަނީ އިންޓަވިއުއެއްގައި ބުނެފައެވެ. އެގޮތުން ނިކް ބުނެފައިވަނީ އޭނާއަށް، ކޮންމެކަމެއްވެސް ހަމަޖެހިގެން ކުރުމަށް ޕްރިޔަންކާ ވަނީ ދަސްކޮށްދީފަ އެވެ.
ދިމާވާ އެކިއެކި ކަންކަމުގައި އަވަސް އަރުވާލުމުގެ ބަދަލުގައި ހަމަ ޖެހިލުމަށްފަހު އެކަމާއި މެދު ވިސްނާ ފިކުރު ކުރުމުން އެކަމެއްގެ ހައްލު އަދި އެކަމެއް ކުރާނެ އެންމެ ފުރިހަމަ ގޮތް ފެނިގެންދާނެކަން ޕްރިޔަންކާ ދަސްކޮށްދީފައި ވާކަމަށް ނިކްވަނީ ބުނެފައެވެ. މީގެ އިތުރުން ނިކް ބުނެފައިވަނީ މި އާދަ އަދިވެސް އޭނާގެ ގައިގާ ހަރުނުލާ ކަމަށާއި އެހެންނަމަވެސް ކޮންމެ ދުވަހަކު އޭނާ މިކަމަށް މަސައްކަތް ކުރާ ކަމަށެވެ.
ޕްރިޔަންކާ އާއި ނިކް އެންމެ ފުރަތަމަ ދިމާވުމުގެ ކުރިން ވާހަކަ ދައްކާފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ. އަދި ދިމާވީ އޭގެ ފަހުން ނިއުޔޯކް ސިޓީގައެވެ. އެއަށް ފަހު ދެމީހުން ދިމާވީ ލޮސް އެންޖަލަސްގައި ބޭއްވި ހަފްލާއަކުންނެވެ. އަދި މި ހަފްލާއިން ޕްރިޔަންކާ ފެނުމުން އެއީ "ދަ ވަން" ކަން ނިކަށް ގަބޫލު ކުރެވުނު ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ޕްރިޔަންކާ އާއި ނިކް ޖޯނަސް ވަނީ މިިދިޔަ އަހަރުގެ ފުރަބަންދު އެކުގައި ހޭދަކޮށްފަ އެވެ. އެއަށްފަހު ޕްރިޔަންކާ ވަނީ ޝޫޓިންއަކަށް ޖަރުމަނަށް ގޮސްފައެވެ. އަދި ނިކް ލޮސްއެންޖަލަސްގައި މަޑުކުރީ އޭނާގެ މިއުޒިކްގެ ބައެއް މަސައްކަތްތައް ކުރުމަށެވެ.
އެމެރިކާއަށް ނިސްބަތްވާ ލަވަކިއުންތެރިޔާ ނިކް، އިންޑިއާގެ ކާމިޔާބު ފިލްމީތަރި ޕްރިޔަންކާއާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.