ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް 37 ޖަލްސާއާއި، 324 ކޮމިޓީ ބައްދަލުވުމާއިއެކު ނިންމާލައިފިއެވެ.
މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިއަދު ނިންމާލުމުގެ ކުރިން މިއަހަރުގެ ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލެއް މަޖިލިސް ރައީސް ވަނީ ދެއްވާފައެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދައުރުގެ ތެރޭގައި ބޭއްވުނު 37 ޖަލްސާގައި މަޖިލިސް މެމްބަރުން ތަޅުމުގައި 96 ގަޑިއިރު ހޭދަ ކުރައްވާފައިވާކަމަށެވެ. އަދި ބޭއްވުނު 326 ކޮމިޓީ ބައްދަލުވުމުގައި 282 ގަޑިއިރު މެމްބަރުން ހޭދަ ކުރައްވާފައިވާކަމަށެވެ.
މަޖިލީހުގައި މިދައުރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާސްކުރެވުނު ބިލްތަކާއި، ގަރާރާއި، މައްސަަލަކާއި އެހެނިހެން މަސައްކަތްތަކުގެ ތަފްސީލްވެސް މަޖިލިސް ރައީސް ވަނީ ދެއްވާފައެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ކުރެވުނު މަސައްކަތްތައް:
ބިލުތައް: ކުރީ ދައުރުގެ 24 ބިލާއި، މިދައުރަށް އަލަށް ހުށަހެޅުނު 11 ބިލާއިއެކު 35 ބިލެއްގެ މަސައްކަތް ކުރެވިފައިވޭ. އޭގެ ތެރެއިން 8 ބިލެއް ނިންމަވާފައިވޭ. 27 ބިލެއް އަދި ވަނީ ނުނިމި.
ޤަރާރު: ކުރީ ދައުރުގެ 7 ޤަރާރާއިއެކު، މިދައުރުގައި 4 ޤަރާރު ހުށަހެޅި، ޖުލްމަ 14 ޤަރާރުގެ މަސައްކަތް ކުރެވިފައިވޭ. އޭގެ ތެރެއިން 5 ޤަރާރު ނިންމައި، 9 ޤަރާރު އަދި ވަނީ ނުނިމި.
ސަރުކާރުން ހުށަހެޅި ކަންކަން: ސަރުކާރުން 13 ކަމެއް ހުށަހެޅި، 10 ކަމެއް ނިންމައި، 3 ކަމެއް އަދި އޮތީ ނުނިމި.
ރިޔާސަރުން ހުށަހެޅި ކަންކަން: މިދިޔަ ދައުރުގެ 2 ކަމަކާއި، މިދައުރުގެ 5 ކަމަކާއިއެކު ޖުމްލަ 7 ކަމެއް ހުށަހެޅުނު. އޭގެ ތެރެއިން ނިމިފައިވަނީ 5 ކަމެއް، 2 ކަމެއް އަދި ނުނިމޭ.
ކުއްލި މައްސަލަ: ހުށަހެޅުނީ 10 ކުއްލި މައްސަލަ، ހުރިހާ މައްސަލައެއް ވަނީ ނިމިފަ.
މެމްބަރުން ހުށަހެޅި ކަންކަން: ކުރީ ދައުރުގެ 3 މައްސަލައާއި، މިދައުރުގެ 7 މައްސަލައާއިއެކު 10 މައްސަލައެއް ކުރިއަށް ގެންދިފައިވޭ. އޭގެ ތެރެއިން 6 މައްސަލަ ނިމި 4 މައްސަލަ ނުނިމޭ.
އެހެންނިހެން މައްސަލަތަކާއި ގުޅޭ ރިޕޯޓް: ކުރީ ދައުރުގެ 4 މައްސަލަ އަކާއި، މިދައުރުގައި ހުށަހެޅުނު 20 މައްސަލައެއް ކުރިއަށް ގެންދެވިފައިވޭ، އޭގެ ތެރެއިން ނިމިފައިވަނީ 19 މައްސަލަ ނުނިނި 5 މައްސަލައެއްވޭ.
ވަޒީރުންނާއި ސުވާލު ކުރުން: ކުރީ ދައުރުގެ 8 ސުވާލާއި، މިދައުރަށް ހުށަހެޅުނު 17 ސުވާލާއިއެކު ޖުމްލަ 25 ސުވާލުގެ މަސައްކަތް ހުށާހެޅި އޭގެ ތެރެއިން 19 ސުވާލެއް ނިމި 6 ވަޒީރަކާއި ސުވާލު ކުރުން ނުނިމިވޭ.
މަޖިލިސް ރައީސް ވިދާޅުވީ މިދައުރުގެ ތެރޭގައި އެމަނިކުފާނަށް އާންމުންގެ ފަަރާތުން 347 ސިޓީއެއް ލިބިފައިވާކަމަށެވެ. އޭގެ ތެރެއިން 263 ސިޓީ އާންމު ކޮމިޓީ މެދުވެރިކޮށް ކަމާއި ގުޅުންހުރި ކޮމިޓީތަކަށް ފޮނުވާފައިވާކަމަށެވެ.
މިދައުރުގައި ފާސްކުރެވުނު މުހިންމު ބިލްތަކަށް އަލި އަޅުވާލައްވައި މަޖިލިސް ރައީސް ވިދާޅުވީ މިދައުރުގެ ތެރޭގައި، ސިފައިން ގާނޫނުގެ އިސްލާހު ގެނައުމުގެ ބިލާއި، މީހުން ޓްރެފިކް ކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ފާސްވެފައިވާކަމަށާއި، މީގެ އިތުުރުން މަތީ ތައުލީމުގެ ބިލާއި، އާންމު ސިއްހަތުގެ ބިލާއި، ކްލައިމެޓް ޗޭންޖުގެ ބިލާއި، ސިވިލް ސާވިސް ގާނޫނަށް ގެނެވުނު އިސްލާހު ބިލްވެސް ފާސް ކުރެވިފައިވާކަމަށެވެ.
މަޖިލިސް ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ މިޖިލީހުގެ ގަވާއިދަށް މިއަދު ގެނެވުނު ބަދަލާއިއެކު މަޖިލިސްގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާ ކުރު ޗުއްޓީއަކަށްފަހު ފަށާނެކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފައްޓަވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ