ނަވާލްނީއަށް ތާޢީދު ކުރާ އެތައް ސަތޭކަ ބަޔަކު ރަޝިއާ ސަރުކާރުން ހައްޔަރު ކޮށްފި

ނަވާލްނީއަށް ތާޢީދު ކުރާ އެތައް ސަތޭކަ ބަޔަކު ރަޝިއާ ސަރުކާރުން ހައްޔަރު ކޮށްފި

Author
ހުސެއިން
22 އޭޕްރިލް 2021 07:24
0

ޖަލަށް ލާފައިވާ، ރަޝިއާގެ ރައީސް ޕުޓިންގެ ސިޔާސީ ވާދަވެރިޔާ، އެލެކްސީ ނަވާލްނީ އަށް ތާއީދުކުރާ އެތައްހާސް ބަޔަކު، އަންގާރަ ދުވަހު، ސެންޓްރަލް މޮސްކޯއަށާއި އަދި ރަޝިއާގެ އިތުރު އެތައް ސިޓީތަކަކަށް އެއްވެ ނަވާލްނީ ދޫކޮށްލުމަށް ރަޝިއާ ސަރުކާރަށް ގޮވާލާ މުޒާހިރާ ކޮށްފިއެވެ.

ރަޝިއާގެ އެކި ކަންކޮޅުތަކުގައި، ރަޝިއާ ސަރުކާރާ ދެކޮޅަށް މުޒާހިރާތައް ކުރިޔަށް ދާއިރު، ޔޫއެންގެ އިންސާނީ ހައްގުތަކާބެހޭ ތަޖުރިބާކާރުން ވަނީ، ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ އެލެކްސީ ނަވާލްނީގެ ފުރާނަ ނަރައްކަލުގެ ތެރޭގައިވާ ކަމަށް ބުނެފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ރަޝިއާގެ އެކި ކަންކޮޅުތަކުގައި އަންގާރަ ދުވަހު، ނަވާލްނީ ދޫކޮށްލުމަށް ގޮވާލާ ކުރިޔަށްދިޔަ އެއްވުންތަކުން 400 އަށްވުރެ ގިނަ މީހުން ރަޝިއާ ސަރުކާރުންވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރު ކުރި ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ، މުޒާހިރާތައް ފެށުމުގެ ކުރިންނެވެ. ވެރިރަށް މޮސްކޯއިން ހައްޔަަރުކުރި މީހުންގެ ތެރޭގައި، ނަވާލީގެ ގާތް ދެމީހަކުވެސް ހިމެނެއެވެ.

ރަޝިއާގެ ރައީސް ޕުޓިންއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އެލްކްސީ ނަވާލްނީއަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ، ނަވާލްނީގެ ފުރާނަ ވަނީ ނުރައްކަލެއްގެ ތެރޭގައި ކަމުގައެވެ. އަދި އެމީހުން ގޮވަމުންދަނީ އޭނާއަށް އެކަށިގެންވާ ބޭސްފަރުވާ ދިނުމަށެވެ.

ރަޝިއާގެ އޮފިޝަލުން ބުނެފައިވަނީ، ނަވާލްނީއަށް ފަރުވާ ދެވެމުންދަނީ، އެހެނިހެން ކުއްވެރިންނަށްވެސް ފަރުވާ ދެވެމުންދާ އުސޫލުން ކަމަށާއި، އަދި ބުދަދުވަހުގެ އެއްވުންތަކަކީ ގާވައިދާ ޚިލާފަށް ބާއްވާފައިވާ އެއްވުންތަކެއް ކަމުގައެވެ.

ނަވާލްނީގެ ޓީމުން، ކުއްލި އެއްވުންތަކަށް ގޮވާލާފައިވަނީ، މާރޗް 31 ވަނަ ދުވަހުން ފެށިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ނަވާލްނީގެ ހާލު ސީރިއަސްވަމުންދާ ކަމުގެ މައުލުމާތުތައް ލިބުމާއި ގުޅިގެންނެވެ.

"އެލެކްސީގެ ހާލަތު ހަގީގަތުގައިވެސް ވަރަށް ގޯސް، އެހެން ވެގެން އަހަރެމެން އެއްދުވަހު މުޒާހިރާތަކަކަށް ގޮވާލަން ޖެހުނީ،" ކޮރަޕްޝަނާ ދެކޮލަށް މަސައްކަތް ކުރާ ފައުންޑޭޝަންގެ އެކެޒެކެޓިވް ޑައިރެކްޓަރ އަދި ނަވާލްނީގެ ގާތް އެކުވެރިއެއް ކަމުގައިވާ ވްލަޑިމިރު އަޝުރުކޯވް، އެސޯޝިއާޓް ޕްރެސް ނިއުސް އޭޖެންސީއަށް މައުލުމާތު ދެމުން ވިދާޅުވެފައި ވެއެވެ.

"އެލެކްސީގެ ހާލަތު ވަނީ ވަރަށް ދަށަށް ގޮސްފައި، ވަރަށް ނާޒުކު ހާލަތެއްގައި. ޓެސްޓުގެ ނަތީޖާތައް ބަލާފައި ޑޮކްޓަކުން މިހާރު ބުނަމުންދަނީ އެލެކްސީއަށް ފަރުވާ ދޭންޖެހޭނީ އައިސީޔުގައި ބާއްވާއިގެން ކަމަށް."

ޔޫއެންގެ އިންސާނީ ހައްގުތަކާބެހޭ ޚާއްސަ މަންދޫބު ބުދަ ދުވަހު ވިދާޅުވެފައި ވަނީ، ނަވާލްނީގެ ފުރާނަ ވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެނާވަނީ، ބޭސްފަރުވާއަށް، ނަވާލްނީ ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށްވެސް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.

އުމރުން 44 އަހަރުގެ އެލެކްސީ ނަވާލްނީ ގެންދަނީ، މާރޗްމަހުގެ 31އިން ފެށިގެން ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންނެވެ. އޭނާ ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ، ފަޔަށާއި އަދި މައިބަދައިގެ ރިއްސުމަކަށް ފަރުވާ ހޯދުމަށް ޖަލުގެ ސެކިއުރިޓީން އޭނާއަށް އެކަށީގެން ފުރުސަތުތަކެއް ދީފައި ނުވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ރަޝިޔާގެ ސަރުކާރުން ނަވާލްނީ ހައްޔަރު ކޮށްފައިވަނީ، ކޮންބަޔަކުކަން ނޭގޭ ބަޔަކު އޭނާއަށް ވިހަ ދިނުމުގެ ސަބަބުން ފަރުވާ ހޯދުމަށް ޖަރުމަނުގައި ހުންނެވުމަށްފަހު، އެބުރި ރަޝިއާއަށް ވަޑައިގަތުމުން، އެއަރޕޯޓުންނެވެ.

ޖުމްލަ 80 އަށްވުރެ ގިނަ ލިޔުންތެރިންނާއި، އެކްޓަރުންނާއި، ތާރީޚީ އިލްމުވެރިންނާއި، ޖާނަލިސްޓުންނާއި، ފިލްމް ޑިރެކްޓަރުން ހިމެނޭ ގޮތުން ފާއިތުވެދިޔަ ހަފްތާގެ ހުކުރުދުވަހު ވަނީ، އެކަށީގެންވާ ސިއްޙީ ފަރުވާ ނަވާލްނީއަށް ލިބިދެވޭނެ އިންތިޒާމް ހަމަޖައްސާދިނުމަށް އެދި ރަޝިއާގެ ރައީސަށް ހުޅިވިފައިވާ ސިޓީއެއް ހުށަހަޅާފައެވެ. މި މީހުންގެ ތެރޭގައި މަޝްހޫރު ލިޔުންތެރިން ކަމުގައިވާ، ޖެކޭ ރޯލްލިންއާއި އަދި ސަލްމާން ރުޝްދީވެސް ހިމެނެއެވެ.

ރަޝިއާގެ ޖަލު ބަލަހައްޓާ އޮތޯރިޓީތަކުން ބުނެފައިވަނީ، ޖަލުން ނަވާލްނީއަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް، ނަވާލްނީ ބޭނުންވަނީ އޭނާ ބޭނުންވާ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށާއި، މިފުރުސަތު ޖަލުން ފަހިކޮށްދީފައި ނުވާނެކަމަށެވެ.

ހުކުރުދުވަހު، ނަވާލްނީ ބުނެފައިވަނިީ، ބަޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާނުލައިފިނަމަ، ނަވާލްނީ ހަޅުތާލު ހުއްޓާލުމަށް މަޖުބޫރު ކުރުވާނެކަމުގެ އިންޒާރު ޖަލު ބަލަހައްޓާ ފަރާތްތަކުން ދީފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.