ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އިމާރާތްކުރާ ދަރުމަވަންތަ ސްކޫލުގެ މަސައްކަތްތައް އެސްޖޭ ކުންފުންޏާ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މި މަސައްކަތް ކޯވިޑް-19އާއި ގުޅިގެން މަޑުޖެހުމަށްފަހު އަނެއްކާވެސް ވަނީ މަސައްކަތްތައް ފަށާއިގެންފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ދަރުމަވަންތަ ސްކޫލްގެ މަސައްކަތް ބާރު ސްޕީޑްގައި މިހާރު ކުރިއަށްދާކަމަށާއި، ޑިސެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ، އަންނަ އަހަރު ކިޔަވައިދޭން ފެށޭނެކަމަށެވެ.
ދަރުމަވަންތަ ސްކޫލުގެ އާއިމާރާތުގައި ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހަަދަންވަނީ ނިންމާފައެވެ. 1000 ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ މިސްކޫލްގައި ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެއްވެސް ހުންނާނެއެވެ. މީގެއިތުރުން މަސައްކަތު މީހުންނަށް ޚާއްސަ ޖަގަހަ ތަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހުންނާނެއެވެ. މި ސްކޫލްގެ ޢިމާރާތުގެ މަސައްކަތް ނިންމައި 2022 ވަނަ އަހަރު އެތަނުގައި ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ.
އަލަށް ޢިމާރާތްކުރުމަށް ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަކީ ވަށާޖެހޭ ތަޢުލީމެއްދެވޭ އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލެވެ.
ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ.
އެތަން ބާވެ ބޭނުންނުކުރެވޭވަރު ވުމުގެ ސަބަބުން 2016ވަނަ އަހަރުވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭންވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ