ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރަން ވަރަށް އަވަހަށް މަޝްވަރާތައް ފެށޭނެ: ޢަލީ ޢާޒިމް

ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރަން ވަރަށް އަވަހަށް މަޝްވަރާތައް ފެށޭނެ: ޢަލީ ޢާޒިމް

Author
މުޙައްމަދު ޖިމީ
20 އޭޕްރިލް 2021 09:52
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދުގެ މިސްރާބުހުރީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާއި ދިމާލަށްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި ވަނީ އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝިދުގެ އެ މެސެޖާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ރައީސް ނަޝިދުގެ މެސެޖު ލިބިވަޑައިގެންފައިވާކަމަށާއި، މިހާރު ޢަމަލަުކުރެވެމުންދާ ވެރިކަމުގެ ނިޒާމަކީ ސީދާ ރައްޔިތުންގެ ވޯޓަުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމަކަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށެވެ.

ރައީސްއެ އެ ވާހަކަފުޅާއި ގުޅިގެން ރައީސް ނަޝީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ރައްޔިތުން ކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ. އަދި ހަމައެހެންމެ އެމަޝްވަރާ ކުރެވޭ ކޮންމެ ވަގުތަކީ ރައްޔިތުންގެ ފެންނަން ނުފެންނަ ގޮތް ސާފުވާނެ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ތަޢާރަފްކުރުމާއި ގުޅޭގޮތުން ރައީސް ޞާލިޙާއި ރައީސް ނަޝިދުގެ ވާހަކަފުޅު މިހެން ހުރުމާއެކު، އޮންލައިން ނޫސް "އަދަދު"އަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެފައިވަނީ، ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ޖަވާބުން ޔަގީންވެފައި އެ އޮތީ ދެ ބޭފުޅުންގެ ވިސްނުންފުޅު މިކަމުގައި އެއްގޮތްކަމަށެވެ. އަދި މިސްރާބު ވެސް ހުރީ އެއްދިމާލަކަށް ކަމަށާއި އެއީ ބަރުލަމާނީ ނިޒާމެއް ގެންނައުންކަމަށް ޢާޒިމް ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން އެންމެން އެއް މޭޒެއްގައި މަޝްވަރާކުރުމަށްވެސް ރައީސް ޞާލިޙް ހުންނެވީ ތައްޔާރަށްކަމަށް ޢާޒިމް ވިދާޅުވެފައިވެއެވެ.

އަޅުގަނޑަށް މި ހިސާބަށް މައުލޫމާތު ލިބިފައިވާ ގޮތުން ނަމަ ވަރަށް އަވަހަށް އިށީނދެ މި މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާއާ އެކު ފަށައިގެން ކުރިއަށްދާނެ.

– ޢަލީ ޢާޒިމް

ޢާޒިމް ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމުގައި ރައީސް ޞާލިޙައި ރައީސް ނަޝީދުގެ ވިސްނުން ހުރީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެން އެންމެ ކުރު މަގެއް ޚިޔާލުކުރުން ނޫންކަމަށާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށް ޢާޒިމް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުޟާއި ގުޅޭގޮތުން ރައީސް ނަޝީދުގެ ވިސްނުންފުޅާއި އެމްޑީޕީގެ ވިސްނުން އެގޮތަށް ހުރިއިރު،  ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ގައުމަށް ބޭނުން ގޮތެއްހަދާފަރައްޔިތުން ހިތްހަމަ ނުޖެހުނީމަ ތަޅާ ރޯނާ ގަންނަވާ މިރުސް ދުންޖަހާ އެއީނު މިހާރު ވެރިކަން ހިންގާ ނިޒާމަކީ...