މާދަމާ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ

މާދަމާ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ

Author
މުޙައްމަދު ޖިމީ
20 އޭޕްރިލް 2021 12:40
0

ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ދޭން ފަށާނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށާނީ ގްރޭޓަރ މާލޭ ސަރަޙައްދުގައިކަމަށެވެ. އެގޮތުން މިދިޔަ މާރިޗުމަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މާދަމައިން ފެށިގެން ވެކްސިންގެ 2 ވަނަ ޑޯޒް ޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މާލޭ ސަރަޙައްދުގައި ސިނޯފާމް ވެކްސިން ޖެހުން ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. އެގޮތުން މަޖިލިސް އިދާރާއިން ރޭގަނޑު 9 އިން 11:30 އަށް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ރޭގަނޑު 8:30 އިން 11 ޖެހުމާއި ހަމައަށް ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ބުންޏެވެ. އަދި ރޯދަނޫން ފަރާތްތަކަށް ހެނދުނު 10 އިން މެންދުރު 12 އަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނަކަމަށްވެސް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19 އިން ދިފާޢުވުމަށް 3 ވެކްސިނެއް ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވެއެވެ. އޭގެތެރެއިން ސިނޯފާމް ވެކްސިން ޖެހުމަށް ހުއްދަ ދީފައިވަނީ މިދިޔަ މާރިޗުމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ސިނޯފާމް ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައިވަނީ މާރިޗުމަހުގެ 22 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.