އެމް.އެން.ޑީ.އެފް ހިންގުމާއި ހަވާލުވެ ހުންނެވި ޝަމާލް އަކީ ސިފައިންގެ ތެރޭގައި ބަޣާވާތް ކުރަން އުޅުމުގެ ސަބަބުން ޑިސް އޮނަރަބްލް ޑިސްޗާޖު ކޮށްފައި ހުރި މީހެއްކަމަށް، ކުރިން ސިފައިންގޭގައި ކާނަލެއްގެ މަޤާމުގައި ހުންނެވި އަހްމަދު ފަޔާޒް އަލީ (ޕާޕާ) ވިދާޅުވެއްޖެއެވެ.
އޭޕްރީލް 14 ވަނަ ދުވަހުގެ ރޭ ޓީވީ ޗެނަލަކުން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި އަޙްމަދު ފަޔާޒް ޢަލީ ރިޒާ ބައިވެރިވެ، އެ ޕްރޮގްރާމްގައި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށްބުނެ ދައްކާފައިވާ ވާހަކަތައް އެމްއެންޑީއެފް އިން ވަނީ ދޮގު ކޮށްފައެވެ. އަދި އެވާހަކތައް ދޮގުކުރުމަށް އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ވަނީ ފަޔާޒް ޢަލީ ރިޒާއަކީ ތަފާތު ގިނަ އަޚްލާޤީ މައްސަލަތަކެއް ޖެހި، ސުލޫކީ މައްސަލަތަކެއްގައި 2015 ޑިސެންބަރު 17 ވަނަ ދުވަހު ސިފައިންގެ ކާނަލެއްގެ މަޤާމުން ކެޕްޓަނެއްގެ މަޤާމަށް ޑިމޯޓްކޮށްފައިވާ ފަރާތެއްކަމަށެވެ. އަދި 2016 ޖޫން 19 ވަނަ ދުވަހު ކެޕްޓަނެއްގެ މަޤާމުން ލެފްޓިނެންޓެއްގެ މަޤާމަށް ޑިމޯޓްކޮށް، "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.
އެމްއެންޑީޢެފްގެ އެވާހަކަތަކާއި ގުޅިގެން ފަޔާޒް ނެރުނު ބަޔާޏެއްގައި ވަނީ 2021 އެޕްރީލް 14 ވަނަ ދުވަހުގެރޭ 10:00 ގައި ސީ.އެން.އެމް ޓީވީ ޗެނަލުން "އިތުރު ކާފު" ގެ ނަމުގައި ހުށަހަޅާފައިވާ ލައިވް ޕްރޮގުރާމެއްގައި އޭނާ ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން 17 އެޕްރީލް 2021 ގައި ދިވެހިރާއްޖެގެ ދިފާއީ ބާރުންކަމަށް ބުން އެއިދާރާގެ ތައްގަޑެއް އަދި ސޮއެއްވެސް ނެތި އެއިދާރާއަށް ނިސްބަތްކޮށް ނެރެފައިވާ ބަޔާނެއްކަމަށްވާއިރު، ދައުލަތުގެ ރަސްމީ އިދާރާއަކުން ނެރޭ ލިއުމެއް އޮންނަންވާނީ އެއިދާރާއެއްގެ ލެޓަރހެޑުގައި އެއިދާރާއެއްގެ ވެރިއަކު ސޮއިކޮށް ތައްގަޑު ޖަހާފައިކަމަށެވެ. 17 އެޕްރީލް 2021 ގައި ދިވެހިރާއްޖޭގެ ދިފާއީ ބާރުންކަމަށް ބުނެ ނެރެފައިވާ ބަޔާނުގައި މިއިންއެއްވެސް ކަމެއް ފެންނަން ނެތްކަން ފާހަގަކުރާކަމަށް ފަޔާޒް ވިދާޅުވެފައިވެއެވެ.
ޗެނަލުން "އިތުރު ކާފު" ގެ ނަމުގައި ހުށަހަޅާފައިވާ ލައިވް ޕްރޮގުރާމެއްގައި އަޅުގަނޑު ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ދޮގުވާހަކަތަކެއް ކަމުގައިވާނަމަ، އެކަން ދޮގުކުރެވޭވަރުގެ ހެކިގްރީނާކަމުގައި ވާނެ އެންމެ މުހިންމު އެއް ޑޮކިއުމެންޓަކީ ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދުގައި ވެފައިވާ “އުތުރު ތިލަފަޅު" ގެ އެއްބަސްވުމެވެ. މިއެއެއްބަސްވުން މިހާތަނަށް ހާމަކުރަން ނުކެރި އަދި އެންމެ ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާލާނެ ވަރުގެ ހަކަތައެއް ނެތި މުޅި ދިވެހި ދައުލަތުގެ ކަމާއި ބެހޭ އެންމެހައި އިދާރާތައް ނުކުޅެދިފައި އޮތުމަކީ 14 އެޕްރީލް 2021 ވަނަ ދުވަހުގެރޭ 10:00 ގައި ސީ.އެން.އެމް ޓީވީ ޗެނަލުން "އިތުރު ކާފު" ގެ ނަމުގައި ހުށަހަޅާފައިވާ ލައިވް ޕްރޮގުރާމުގައި އަޅުގަނޑު ދައްކާފައިވާ ވާހަކަތަކަކީ ތެދު ހަގީގަތެއްކަމަށް ދަވާލަތު ކޮށްދޭ އަލިގަދަ ހެއްކެއްކަމުގައި ފުދެއެވެ. މީގެއިތުރުން އުފެދޭ ސުވާލަކީ "އުތުރު ތިލަފަޅު" ގެ އެއްބަސްވުމާއި ގުޅިގެން ދައްކާ ވާހަކަތަކަށް އެމް.އެން.ޑީ.އެފްގެ ނަމުގައި ބަޔާނެއް ނެރެންޖެހުނީ ކީއްވެގެންބާއެވެ. އެއްބަސްވުމުގައި އިންޑިޔާއެކުގައި ސޮއިކުރީ އެމް.އެން.ޑީ.އެފުން ބާއެވެ.
– ފަޔާޒްގެ ބަޔާނުގައި ވެއެވެ.
ފަޔާޒް ވިދާޅުވެފައިވަނީ އެމްއެންޑީއެފް ހިންގުމާއި ހަވާލުވެ ހުންނެވި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އަކީ ސިފައިންގެ ތެރޭގައި ބަޣާވާތް ކުރަން އުޅުމުގެ ސަބަބުން ޑިސާއޮނަރަބްލް ޑިސްޗާޖު ކޮށްފައި ހުރި މީހެއްކަމަށާއި، މިކަމަކީ ވެސް ޝަމާލް އާއި އަދި ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ދޮގުނުކުރެވޭނެ ހަޤީގަތެއްކަމަށެވެ. އަދި މިހާރުވެސް ޝަމާލުގެ މައްޗަށް ދަނީ ދިވެހިރައްޔިތުން ބޮޑެތި ތުހުމަތުތަކެއް ކުރަމުންކަން ފާހަގަކުރާކަމަށްވެސް ފަޔާޒް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން 14އެޕްރީލް 2021 ވަނަ ދުވަހުގެރޭ 10:00 ގައި ސީ.އެން.އެމް ޓީވީ ޗެނަލުން "އިތުރު ކާފީ" ގެ ނަމުގައި ހުށަހަޅާފައިވާ ލައިވް ޕްރޮގުރާމުގައި އޭނާ ދައްކާފައިވާ ވާހަކަތައް ނަފީކުރެވޭ ވަރުގެ ކާފިހެއްކާއި ގަރީނާ ދިވެހިރާއްޖޭގެ ދިފާއީ ބާރުގައި ހުރިނަމަ، އެހެކިތަކާއި އެކުގައި ލައިވް ޕްރޮގުރާމެއްގައި ފަޔާޒްއާއެކު ޗެލެންޖަކަށް ވަޑައިގަތުމަށް ޝަމާލު އަށް ދައުވަތު އަރުވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިންޑިއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގައި އިންޑިއާ ސިފައިން ދާއިމީކޮށް ރާއްޖޭގައި ހަތިޔާރާއެކު ތިބެވޭނެކަން ބަޔާކޮށްފައިވާކަމަށް ލީކުވެފައިވާ އެއްބަސްވުމުގެ ޑްރާފްޓްގައިވެއެވެ.
މިކަމާއި ގުޅިގެން އެ އެއްބަސްވުން ޢާންމުކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އައިނަމަވެސް ސަރުކާރުން ވަނީ އެ އެއްބަސްވުމުގައި އެފަދަ ކަމެއް ހިމެނިފައިނުވާނެކަމަށް ބުނެ އެ އެއްބަސްވުން ހާމަކުރުމަށް ދެކޮޅުހަދާފައެވެ.
ކޮމެންޓު ފޮނުވާ