އޯގަސްޓް މަހު ފަށާ ދިރާސީ އަހަރުގެ ކަލަންޑަރު ޢާންމުކޮށްފި

އޯގަސްޓް މަހު ފަށާ ދިރާސީ އަހަރުގެ ކަލަންޑަރު ޢާންމުކޮށްފި

Author
މުޙައްމަދު ޖިމީ
19 އޭޕްރިލް 2021 04:21
0

އަންނަ އޯގަސްޓްމަހު ފަށާ ދިރާސީ އައު އަހަރުގެ އެކަޑަމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެވެ.

މީގެ ކުރިން ދިރާސީ އައު އަހަރު ފަށަނީ ކޮންމެ މީލާދީ އައު އަހަރެއް ފެށުމުން ޖެނުއަރީ މަހުއެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން އޯލެވެލް އިމްތިހާން ފަސްކުރެވި އަދި ކުދިންގެ ކިޔެވުމަށް ބޮޑު އަސަރެއް ކުރުމާއި ގުޅިގެން މިއަހަރުން ފެށިގެން ދިރާސީ އައު އަހަރު ކޮންމެ އަހަރެއްގެ އޯގަސްޓް މަހަށް ވަނީ ބަދަލުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޢާންމުކޮށްފައިވަނީ އަންނަ އޯގަސްޓްމަހުން ފެށިގެން އަންނަ އަހަރުގެ އޯގަސްޓްމަހާއި ހަމައަށް ދިރާސީ އަހަރުގެ ކިޔެވުން ގެންދާނެ ގޮތުގެ ތައާވަލެވެ. އެ ތައާވަލުގައި ވާގޮތުން ދިރާސީ އައު އަހަރު ފެށުމަށްފަހު އެންމެ ފުރަތަމަ މިޑް ޓާރމް ބަންދު ލިބޭނީ އޮކްޓޫބަރު މަހުގެ17 އިން އެމަހުގެ 21 ވަނަ ދުވަހާއި ހަމައަށެވެ. އަދި އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު މިއަހަރު ޑިސެމްބަރު 23ގައި ސްކޫލުތައް ބަންދުވާނެއެވެ.

އަދި ދެ ވަނަ ޓާމުގެ ކިޔެވުން ފަށުމަށް ނިންމަފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި މިޑްޓާމަށް ސްކޫލުތައް ބަންދުވާނެކަމަށާއި، އޭގެ ފަހުން އަންނަ އަހަރުގެ ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެކަމަށްވެސް ދިރާސީ ކަލަންޑަރުގައިވެއެވެ.

އެއް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ އޯގަސްޓް7 ވަނަ ދުވަހުއެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިބަދަލާއިއެކު ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އަދި މިބަދަލު ގަނައުމަށް ނިންމާފައިވަނީ ކަމާއިބެހޭ އެންމެހާ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިބަދަލާއިއެކު ދެން އޯލެވެލް އަދި އޭލެވެލް އިމްތިހާނު ދެން އޮންނާނީ ކޮންމެ އަހަރެއްގެވެސް މޭޖޫން ގައިކަމަށެވެ. މީގެ ކުރިން އަހަރުގެ ފަހުކޮޅުގައި ބާއްވަމުންދިޔަ އިމްތިހާނަށް މިބަދަލު ގެނެވިފައިވަނީ ދިރާސީ އަހަރުގެ ކިޔެވުންފެށުމަށް ނިންމާފައިވާ ނިންމާއި އެއްގޮތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ކޮންމެ ނިންމުމެއް ނިންމަވާއިރުވެސް އެންމެ ބޮޑަށް ބަލަނީ ދަރިވަރުންނަށް އެކަމުން ކުރާނެ އަސަރަށް ކަމަށެވެ. ދަރިވަރުންނަށް ގެއްލުންވާނެ ގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމަވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެއެވެ. އަދި މިނިންމުމާއިއެކު ދަރުވަރުންނަށް ރާއްޖެއިން ބޭރުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށާއި، އާއިލާއާއިއެކު ޗުއްޓީ ހޭދަކޮށްލުމަށްވެސް ރަނގަޅު ވަގުތަކެއް ލިބިގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.