އިޤްތިޞާދީ ކުރިއެރުމާއި، ފަހި މުސްތަޤްބަލެއް ބިނާކުރުމަށް ސަޤާފީ ތަރިކަ މުހިއްމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފާހަގަކުރެވެމުންދާ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާޞަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަޤާފީ ތަރިކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަގު ބިނާކުރުމަށް ލިބިފައިވާ އަގުނުކުރެވޭ ފަދަ ނިޢުމަތެއްކަމަށެވެ. އަދި އިޤްތިޞާދީ ކުރިއެރުމާއި، ފަހި މުސްތަޤްބަލެއް ބިނާކުރުމަށް ސަޤާފީ ތަރިކަ މުހިއްމު ދައުރެއް އަދާކުރާކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަޤާފީ ތަރިކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަގު ބިނާކުރުމަށް ލިބިފައިވާ އަގުނުކުރެވޭ ފަދަ ނިޢުމަތެއް. އިޤްތިޞާދީ ކުރިއެރުމާއި، ފަހި މުސްތަޤްބަލެއް ބިނާކުރުމަށް ސަޤާފީ ތަރިކަ މުހިއްމު ދައުރެއް އަދާކުރޭ. #ތަރިކައިގެދުވަސް
— Ibrahim Mohamed Solih (@ibusolih) April 18, 2021
މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ “މުއްސަނދި މާޒީތަކަކުން ތަފާތު ކުރިމަގުތަކަކަށް” ނުވަތަ “ކޮމްޕްލެކްސް ޕްސްޓްސް ޑައިވަރސް ފިއުޗަރ”އެވެ.
ތަރިކަ ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުންވަނީ ރާއްޖޭގައި ހުރި ތަރިކައިގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި ކުރީގެ ފޮތްތަކުން ލިބިފައިވާ މަޢޫލުމާތާއި، ކައުންސިލްތަކާއި ގުޅިގެން ހަދާފައިވާ ތަރިކައިގެ ލިސްޓުގައި 400އަށްވުރެ ގިނަ ތަން ހިމަނާފައިވެއެވެ.
މީގެއިތުރުން ތަރިކަ ޙިމާޔަތްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް، ޤަނޫނީ ބާރު ހޯދުމަށް ތަރިކަ ޙިމާޔަތްކުރުމުގެ ޤާނޫނެއްވެސް ވަނީ އެކުލަވާލާ އަމަލުކުރަން ފަށާފައެވެ. މި ޤާނޫނާއެކު، ތަރިކަ ދެނެގަންނާނެގޮތާއި، ހިމާޔަތްކުރާނެ ގޮތްތަކާއި، ތަރިކައާއިމެދު އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ގޮތްތައްވެސް ވަނީ ކަނޑައެޅިފައެވެ. މި ޤާނޫނުގައި ވަނީ ރާއްޖޭގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަޙައްދެއް ހަލާކުކޮށް، ގެއްލުންދީ ނުވަތަ ނެތިކޮށްލުމަށް މަސައްކަތް ކުރާ ފަރާތްތައް، އެ ސަޤާފީ ތަރިކައިގެ ފާހަގަކުރެވޭ ސަޤާފީ އަގަށް ބަލާ، އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ. ނުވަތަ 5 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ