ރ.އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒު މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި، އަަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ދީނީ ތަފާތު ޙަރަކާތްތައް ހިންގުމަށް ބޭނުން ކުރެވޭފަދަ ގޮތަކަށް ބިނާކުރަން ފެށި އިސްލާމިކް ސެންޓަރ މިއަހަރު ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވަނީ އެ މިނިސްޓޤރީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައެވެ.
އުނގޫފާރުގައި އިސްލާމިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 02 މާރިޗު 2017ގައެވެ. ޖުމްލަ ހަތާވީސް މިލިއަން ފަސްލައްކަ ފަސްހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ ހަތްދިހަ އެއް ލާރީ ޚަރަދު ކޮށްގެން ޢިމާރާތްކުރާ
މިސެންޓަރުގައި ނަމާދު ކުރާ ހޯލުގެ އިތުރުން، ޤުރްއާނުގެ ޢިލްމު ފެތުރުމަށް ކިލާސް ރޫމާއި، ދެ ޖިންސަށް ވަކިން ޚާއްޞަކޮށް ވުޟޫކުރުމާއި ފާހާނާ ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. މިސެންޓަރު ފަރުމާ ކުރެވިފައި ވަނީ ކަރަންޓުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާއި، ސާފުވަޔާއި، ގުދުރަތީ އަލި ލިބޭނެގޮތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް ބަލައިގެންނެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް 10 ޖަނަވަރީ 2020 ގައި ވަނީ ނިމިފައެވެ. ނަމަވެސް ރ.އުނގޫފާރު އިސްލާމިކް ސެންޓަރަށް ބޭނުންވާ ފަރުނީޗަރުތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދާތީ ފަރުނީޗަރު ހަމަޖެހެންދެން، ރަސްމީކޮށް ހުޅުވުން ވަނީ ފަސްކުރެވިފައިކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް 2021 ވަނަ އަހަރު ރ.އުނގޫފާރު އިސްލާމިކް ސެންޓަރުގެ ހުރިހާ މަސައްކަތްތައް ނިމި ސެންޓަރ ރަސްމީކޮން ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށް އެ މިނިސްޓްރީން ބުންނެވެ.
ކޮމެންޓު ފޮނުވާ