ދިވެހިރާއްޖޭގެ އިދާރީ ދާއިޜާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމާއި ގުޅޭ 101 ސުވާލާއި، އެ ސުވާލުތަކުގެ ޖަވާބު ހިމެނޭ ޚާއްޞަ ފޮތެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރެފިއެވެ. އެލްޖީއޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒްއެވެ.
މިފޮތަކީ، ލާމަރުކަޒީ ނިޒާމާއި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކާއި، އެކައުންސިލްތަކަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަދި މިނިޒާމާއި ރައްޔިތުންނާއި ހުރި ގުޅުމާއި ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް އާއްމުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި 101 ސުވާލާއި ޖަވާބުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.
މިފޮތުގެ ސަބަބުން އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށްވެސް ލާމަރުކަޒީ ނިޒާމާ ގުޅުން ހުރި ތަފާތު އެކި ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެކަމަށް އެލްޖީއޭއިން ބުންޏެވެ.

ލާމަރުކަޒީ ނިޒާމާއި ގުޅޭ މަޢުލުމާތު ހިމެނޭ ފޮތެއް އެލްޖީއޭއިން ނެރެފައިވާއިރު، ސަރުކާރުން ދާދި ފަހުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ %5 ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެއެވެ.
މީގެ އިތުރުން ރަށްރަށުގައި ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ.
ކައުންސިލްތަކަށް މާލީ ގޮތުން ދިން ބާރުވެރިކަން ދިނުމަށްފަހު، ބޭއްވި ފުރަތަމަ ކައުންސިލް އިންތިޚާބު މިމަހުގެ 10 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އަދި އައު ކައުންސިލަރުން ހުވާކުރުން މި ރަމަޟާން މަހަށްފަހު ބާއްވަން އެލްޖީއޭއިން ވަނީ ނިންމާފައެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހާއެކު ކައުންސިލަރުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ޤާނޫނު އަސާސީއަށް ގެނައި އިޞްލާހާއެކު ކައުންސިލަރުންގެ ދައުރު ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ