ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް، ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ސަގާފީ ތަރިކަ ރައްކާތެރިކުރެވުނު މިންވަރަކުންކަމަށ،ް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފާހަގަކުރެވެމުންދާ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައި މިނިސްޓަރ ޔުމްނާ ވަނީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަޤާފަތަކީ ގުޅިލާމެހިފައިވާ އެއްޗެއްކަމަށާއި، ވޭތުވެ ދިޔަ ޒަމާންތަކުގައި ދިވެހީންގެ މަސައްކަތްތެރިކަން ދައްކުވައިދޭ އާސާރީ ތަންތަނާއި ތަކެތި އޮޅުންފިލާނޭހެން މި ޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފަވައިވާ ކަމީ ޝުކުރުވެރިވާންޖެހޭ ކަމެއްކަމަށެވެ. ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ދިވެހީންގެ ސަގާފީ ތަރިކައިގެ މުއްސަނދިކަމާއި ތަފާތުކަން ދޭހަވާކަމަށާއި، ތަރިކައިގެ ތެރެއިން ފެންނާން ހުރި ބިންތަކާއި، އިހުގެ ތާރީޚާއި ގުޅިފައިވާ އެކިއެކި ތަކެތި މި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންނާން ހުރީ އެކި ރަށްރަށަށް، އަދި އަތޮޅަކަށްވެސް ޚާއްސަ ސިފަތާއިއެކުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މި ފަދަ ބިނާތަކާއި ސަރަހައްދުތަކާއި ތަންތަނާއި ތަކެއްޗަކީ އެ ރަށެއްގެ އަމިއްލަ ވަންތަކަމާއި ސަގާފަތް ދައްކައިދޭ ތަންތަން ތކެއްޗެވެ. މި ފަދަ ބިންތަކާއި ސަރަހައްދުތަކީ ރަށުގެ ނުވަތަ އަތޮޅުގެ ކުރިމަގު ބިނާ ކުރާއިރުވެސް މުހިންމު ތަންތަނާއި ތަކެއްޗެވެ. ފަތުވެރީން ބަލައިލަން ބޭނުންވާނެ ބިނާ ތަކާއި، ސަރަހައްދުތަކާއި ތަކެއްޗެވެ. އަޅުގަނޑުމެންގެ ސަގާފީ ތަރިކައަކީ އަޅުގަނޑުމެންގެ ފަޚުރަކަށް ވާއިރު، ސަޤާފީ ތަރިކަ ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށްރށާއި އަތޮޅަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަން ޔަގީނެވެ. އަދި ދުނިޔޭގައި ދިވެހިރާއްޖެއަށް ރީތި ނަން ލިބިގެން ދާނެއެވެ. ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ޤައުމަކަށް ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ސަގާފީ ތަރިކަ ރައްކާތެރިކުރެވުނު މިންވަރަކުންނެވެ. އަދި ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށްރަށަށް ފައިދާތައް ލިބި ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އަހަމިއްޔަތުކަން އިތުރުކުރެވިދާނެއެވެ.
– ޔުމްނާ މައުމޫން
މިނިސްޓަރގެ ޚިޠާބުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އަދުގެ ދުނިޔޭގައި އާދަކާދައާއި ސަގާފީ ތަރިކައަކީ އަގުބޮޑު 'މުދަލެއް' ކަން ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުން މުހިންމުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެސަބަބުތަކަށްޓަކައި ސަގާފީ ތަރިކަ ދަފްތަރުކޮށް، ރައްކާތެރިކޮށް، އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ސަގާފީ ތަރިކައަށް ހޭލުންތެރި ޖީލެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ހަދައި އެންމެންގެ ބައިވެރިވުމާއެކީ ގުޅިގެން މިކަން ކުރުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.
މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ "މުއްސަނދި މާޒީތަކަކުން ތަފާތު ކުރިމަގުތަކަކަށް" ނުވަތަ "ކޮމްޕްލެކްސް ޕްސްޓްސް ޑައިވަރސް ފިއުޗަރ" އެވެ.
ކޮމެންޓު ފޮނުވާ