ކޯވިޑް ކާރިސާގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން، އަންނަ ރޯދަމަހު، ހާރު ކެއުމާއި ރޯދަ ވީއްލުން އެގައުމުގެ އެއްވެސް މިސްކިތެއްގައި ބޭއްވުން ސައުދީ އަރަބިއާގެ ސަރުކަރުން މަނާ ކޮށްފި ކަމަށް، ސައުދީ ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީ (SPA)އިން ރިޕޯޓު ކޮށްފިއެވެ.
މުސްލިމުންނަށް އަންނަ އެންމެ ބަރަކާތްތެރި މައްސަރު ކަމުގައިވާ ރޯދަ މަހަކީ، މުސްލިމުން ޖަމާއްތަ ހަދައިގެން ދީނުގެ ވަރަށް ގިނަ އަޅުކަންތައް ފުރިހަމަ ކުރާ މައްސަރެކެވެ. މިގޮތުން ރޯދަ ވީއްލުމާއި އަދި ތަރާވީސް ނަމާދު ކުރުމުގެ އިތުރުން، މިނޫނަސް ތަފާތު ގިނަ އަޅުކަންތައް ރޯދަމަހަށް ޚާއްސަކޮށް މުސްލިމުން އަދާކުރެއެވެ. މިއަހަރުގެ ރޯދަމަސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އަދި މީގެ އިތުރުން ވަރަށް ގިނަ ގައުމުތަކުގައި، ހާރު ކެއުންވެސް މިސްކިތްތަކުގައި އިންތިޒާމް ކުރެއެވެ.
ސައުދީ ނޫސް އޭޖެންސީން މައުލޫމާތު ދީފައިވާ ގޮތުގައި، ރޯދަމަހު ކުރެވޭ ތަރާވީސް ނަމާދާ ގުޅޭގޮތުން ސައުދީ ސަރުކާރުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ތަރާވީހު ނަމާދުގައި އަމަލުކުރާނެ އުސޫލުތަައް ވަރަށް އަވަހަށް އާންމު ކުރާނެކަމަށް ސައުދީގެ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން މައުލޫމާތު ދީފައިވާކަމަށްވެސް މި ނޫހުން ރިޕޯޓު ކޮށްފައި ވެއެވެ.
ފާއިތުވެދިޔަ އަހަރުގެ ރޯދަމަހު، ގޭގައި ތަރާވީހު ނަމާދު ކުރާގޮތަށް ހަމަޖައްސާފައިވާކަން ސައުދީ އަރަބިއާގެ ގްރޭންޑް މުފްތީ އިއުލާން ކުރައްވާފައިވަނީ ރޯދަމަސް ފެށެން އެންމެ ހަފްތާއަކަށް ވެފައި ވަނިކޮށެވެ.
ސައުދީ އަރަބިއާގައި، ކޯވިޑަށް ޕޮޒިޓިވް ވާމީހުންގެ އަދަދު ފާއިތުވެދިޔަ އަހަރުގެ ޖޫން މަހުގައި ދުވާލަކު 4،000 އަށްވުރެ މަތީގައި ހުރުމަށްފަހު، މިއަރުގެ ޖެނުއަރީމަހު މިއަދަދު ދުވާލަކު 100 އަށްވުރެ ދަށަށް ޖެހިފައި ވެއެވެ.
އެހެންނަމަވެސް، ފަހަކަށް އައިސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ދުވާލަކު 700 މީހުންނަށްވުރެ މައްޗަށް ޖެހިލާފައެވެ. އަދަދު އަދަޔާ ޚިލާފަށް މަތިވާން މެދުވެރިވާ ސަބަބެއްކަމުގައި ސައުދީގެ ކަމާގުޅޭ މުވައްސަސާތަކުން ފާހަގަ ކުރަނީ، ރައްޔިތުން އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމަޔަށް ބޯނުލެބުމެވެ.
ކޮމެންޓު ފޮނުވާ