މާލެ ސިޓީ ކައުންސިލަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު، އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ބައްދަލު ކުރައްވައި ކަންކަމުގައި މަޝްވަރާ ކުރައްވައިފިއެވެ.
އިބްރާއާއި، މުއިއްޒުގެ މަޝްވަރާ ބައްދަލުވުން އޮތީ ރޭ އިބްރާގެ ގޭގައެވެ. މުއިއްޒުއާއި އެކު ބޭއްވުނު ބައްދަލުވުން ހިއްސާ ކުރައްވަމުން އިބްރާ ވިދާޅުވީ ކޮންމެ ބޭފުޅަކަަށްވެސް ޚިޔާލާއި މަޝްވަރާ ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި މިހާތަނަށް މާލެ ސިޓީއަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އޭނާގެ ކައިރިއަށް އައި ހަމައެކަނި މުއިއްޒުކަމަށް އިބްރާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ޑރ.މުއިއްޒު މި އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. އަދި ކަންކަން ކުރުމުގައި ޚިޔާލާއި މަޝްވަރާ އޮޅުން ފިލުވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށް އިބްރާވަނީ ރައްޔިތުންގެ ޚިދުމުގައި ނިކުންނަވާ ކޮންމެ މީހަކަށްވެސް ރައްޔިތުންގެ އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރައްވާފައެވެ.
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވައިގެން ހުންނެވި ޑރ.މުއިއްޒު ރޭގައި އަޅުގަނޑަށް ޒިޔާރަތް ކުރެއްވި އަދި މާލޭގެ ކަންކަމުގައި، ރައްޔިތުންގެ ހާލަތާއި، ސިޔާސީ މަޝްރަހާއިމެދު އަޅުގަނޑުގެ ޚިޔާލު ހޯއްދެވި. ކަމެއްގައި ޚިޔާލެއް ދެއްވޭނީ ބޭނުންވެގެން އައި މީހަކަށް، އަދި ވަޑައިގަތީ މުއިއްޒު. ހޮވި ވަަޑައިގެންފި ނަމަ ކަންކަމުގައި އެހީތެރިކަން ބޭނުންފުޅުވާހަކަ ވިދާޅުވި. ކޮންމެ ބޭފުޅަކު ހުންނެވިޔަސް ރައްޔިތުންގެ ކަންކަމުގައި ދެވެން އޮތް ޚިދުމަތެއް ދޭނެ ވާހަކަ ދެންނެވިން.
– އިބްރާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލަށް އިދިިކޮޅު ޓިކެޓްގައި ވާދަކުރައްވާ ޑރ.މުއިއްޒުއަށް މާލެ ސިޓީގެ އެމްޑީޕީގެ ނަގާކިޔާ ގިނަ ބޭފުޅުންނާއި، މާލެ ސިޓީގެ އިސް ރައްވެހިން ގެންދަވަނީ މުއިއްޒުއަށް ތާއީދު ކުރައްވަމުންނެވެ. މިިއިންތިޚާބާއި ކުރިމަތި ލެއްވި އިރުވެސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ އޭނާ ކުރިމަތިލައިގެން އުޅުއްވަނީ ވަކި ޕާޓީއަކަށް ވަކި މީހަކަށް ޚިދުމަތް ކުރުމަށް ނޫންކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ޚިދުމަތް ދެއްވުމުގެ މަތިވެރި އަޒުމުގަިއ ކަމަަށެވެ.
އިބްރާއާއި، ޑރ.މުއިއްޒު ބައްދަލު ކުރެއްވިއިރު، އިބްރާއާއި، ސަރުކާރާއިމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. އިބްރާއަކީ އެމްޑީޕީ އުފައްދައި އަދި އެމްޑީޕީ ކޮޅައް ޖެހުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި އެއްބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ