ރަމަޟާން މަހާ އިސްތިގްބާލު ކުރުން (ފުރަތަމަ ބައި)

ރަމަޟާން މަހާ އިސްތިގްބާލު ކުރުން (ފުރަތަމަ ބައި)

މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާއިމެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބަހައްޓަވައެވެ. އަދި އެމައްސަރު އަންނާތީވެ އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވައެވެ. ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވައެވެ. އަދި ރަމަޟާން މަސް ނިމިއްޖެނަމަ، އެމައްސަރުގައި ކުރި އަޅުކަން ގަބޫލުކޮށްދެއްވުން އެދި ދުޢާ ކުރައްވައެވެ. އެމައްސަރުގެ ދުވާލުގެ ވަގުތު ތަކުގައި ރޯދައަށް ތިއްބަވައެވެ. އަދި ރޯދަ ބާޠިލްވެދާނެ ނުވަތަ އެރޯދައަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވެލައްވައެވެ.

ބޭކާރުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުން ފަދަ ކަންތަކުން ސަލާމްތްވެ ތިއްބަވައެވެ. އެމައްސަރުގެ ރޭގަޑުގެ ވަގުތުތައް ރޭއަޅުކަން ކުރުމާއި ގުރްއާން ކިޔެވުމުގައި ހޭދަކުރައްވާ އެމައްސަރުގެ ރޭތައް އިޙްޔާ ކުރައްވައެވެ.

ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވެ، ކާންދީ، ޞަދަގާތް ކުރުން އިތުރު ކުރައްވައެވެ. ރޯދަވެރިންނަށް ރޯދަވިއްލާނެ އެއްޗެއް ދެވޭތޯ ބައްލަވައެވެ. ﷲ އަށް ކިޔަމަންތެރިވުމުގައި އެބޭކަލުންގެ އަމިއްލަ ނަފްސުތަކުން ޖިހާދު ކުރައްވައެވެ. އަދި ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި ދީނުގެ ޢަދާވާތްތެރިންނާއި ދެކޮޅަށް ޖިހާދު ކުރައްވައެވެ. މުސްލިމުންގެ ޢަދުއްވުންގެ މައްޗަށް ބޮޑުވެގެންވާ ނަޞްރެއް ބަދުރު ހަނގުރާމާގައި ލިބިފައިވަނީ ރަމަޟާން މަހެއްގެ 17 ވަނަ ދުވަހުގައެވެ. މީސްތަކުން ﷲ ގެ ދީނަށް ފައުޖުތަކަށް ވަންނަން މެދުވެރިވި، އަދި މައްކާއަކީ އިސްލާމީ ދައުލަތެއްކަމުގައިގައި ވެގެންދިޔަ، މައްކާ ފަތަޙަ ކުރެއްވުމުގެ ހަނގުރާމަ ހިނގާފައިވަނީ ރަމަޟާން މަހެއްގެ 20 ވަނަ ދުވަހުއެވެ. އެހެންކަމުން ބައެއް މީހުން ހީކުރާ ގޮތަށް ރަމަޟާން މަހަކީ ކަންނެތް ކަމާއި ނިދުމުގެ މައްސަރެއް ނޫނެވެ. އަދިކިއެއްތަ، އެއީ ޖިހާދުކޮށް، ޢަމަލުތައް ގިނަކޮށް، އަޅުކަން އިތުރުކުރުމުގެ މައްސަރެވެ. އެހެންކަމުން ރަމަޟާން މަހާއި ބައްދަލު ކުރަން ޖެހޭނީ ހިތްހެޔޮކަމާއި އުފާވެރިކަމާއި ދީލަތި ކަމާއި ހިތްވަރާއި އެކުގައެވެ. މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެ އަލިކަމަށް ނެރުއްވުމަށްޓަކައި ބާވާލެއްވި މުސްލިމުންގެ ދުސްތޫރު ބާވާލައްވާފައިވަނީ ރަމަޟާން މަހެއްގައެވެ. އެމައްސަރެއްގައި ރޯދަ ހިފުން ލާޒިމު ކުރައްވާފައިވަނީ ރަމަޟާން މަހުގައެވެ. ފާފަތައް ފޮހެވި، ދަރަޖަ މަތިވެރިވެ، ހެޔޮކަންތައްތައް އިތުރުވެ، ޝައިޠާނުން ކަސްތޮޅު އެޅުވި، ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާ މައްސަރަކީ ރަމަޟާން މަހެވެ.

ޢުމުރުގެ ޒުވާންކަމާއި، ހެޔޮޞިއްޙަތެއްގައިވީ ޙާލު މިފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަންވާނެއެވެ. އެހެންކަމުން ހެޔޮޢަމަލުތައް ގިނަކޮށް، ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށް، ފުރިހަމަ ތައުބާ އަކުން ތައުބާ ވާން ޖެހެއެވެ. ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި ވުމަށް ޓަކައި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެއެވެ. ސޫރަތުއް ޝުޢަރާގެ 88 އަދި 89 ގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَوْمَ لا يَنْفَعُ مَالٌ وَلا بَنُونَ * إِلا مَنْ أَتَى اللهَ بِقَلْبٍ سَلِيمٍ) މާނައަކީ: "ގިޔާމަތް ދުވަހުން މުދަލަކުން ދަރިޔަކުން ފައިދާ އެއް ނުކުރާނެއެވެ. ހަމައެކަނި ސަލާމަތް ހިތަކާއިގެން މާތް ﷲ ގެ ޙަޟްރަތަށް އައިމީހަކު މެނުވީއެވެ". ސޫރަތުލް އަޙްޒާބުގެ 71 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَنْ يُطِعِ اللهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا) މާނައަކީ: "ﷲ އާއި ރަސޫލާ އަށް ކިޔަމަންތެރިވެއްޖެމީހާދަންނާށެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ކާމިޔާބަކުން އެމީހަކަށް ކާމިޔާބު ލިބިއްޖެއެވެ". ރަމަޟާން މަހާއި އެހިނިހެން މަސްތަކުގައިވެސް ﷲ ވާޖިބު ކުރައްވާފައިވާ ކަންތަކާއި މުސްތަޙައްބު ކުރައްވާފައިވާ ކަންތަކަށް ރައްކައުތެރިވެ، ޙަރާމްކަންތައްތަކާއި މަކްރޫހަ ކަންތައް ދޫކޮށްލަން ޖެހެއެވެ. ސޫރަތުލް ޙިޖްރިގެ 99 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ) މާނައަކީ: "ޔަގީންކަން އައިސް ޖެހުމަށް ދާންދެން (މަރުވުމަށް ދާންދެން)، ކަލޭގެފާނު ﷲ އަށް އަޅުކަން ކުރުން މަތީ ދެމިހުންނާށެވެ". ސޫރަތުލް އަންޢާމްގެ 162 އަދި 163 ގައި މާތް ﷲ ވަޙީ ކުރައްވައެވެ. (قُلْ إِنَّ صَلاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للهِ رَبِّ الْعَالَمِينَ * لا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭފާނުގެ ނަމާދާއި އެހެނިހެން އަޅުކަމާއި ތިމަންކަލޭފާނުގެ ދިރިހުންނެވުމާއި ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ ޢާލަމްތަކުގެވެރި މާތް ﷲ ގެ ކިބަފުޅަށެވެ. އެކަލާނގެ ކިބައަށް ޝަރީކަކު ނުވެއެވެ. ތިމަން ކަލޭގެފާނަށް އަމުރުކުރެވިގެންވަނީ އެކަންތަކަށެވެ.(ޔަޢުނީ އެކަލާނގެ އެއްކައުވަންތަ ކަމަށް ހެކިވެ، އެކަން ގަބޫލުކުރުމަށެވެ). މިމިއްސަރާ ކުރިމަތިލާންވާނީ މީސްތަކުންނަށް ތަބަޢަވުމާއި، ޢާދަކާދަތައް ދޫކޮށްލާފައި، އީމާންކަމާއިއެކު، ދަރުމައާއި ޘަވާބަށްއެދި، ރޭއަޅުކަމާއި ރޯދަ ހިފުމުގެ ވަރުގަދަ ޢަޒުމުގައެވެ. އަދި ނަރަކައިން ސަލާމަތްވެ، ﷲ ގެ މަޣްފިރަތް ޙާޞިލް ކުރުމަށްޓަކައި ޙަރާމްކުރެއްވި އެއްޗެތި އަޑުއެހުމާއި، ޙަރާމްކުރެއްވި ތަންތަނަށް ބެލުމާއި، ޙަރާމްކުރެއްވި ވާހަކަ ދެއްކުމުން އަޅުގަޑުމެންގެ ގުނަވަންތައް ރައްކާތެރިކުރުމަށް ޢަޒުމް ކުރަން ޖެހެއެވެ. ރޯދަވެރިޔާގެ އަދަބުތަކަށް ޙުރުމަތް ތެރިކޮށް ހިތަން ޖެހެއެވެ. އެގޮތުން ހާރުކެއުން ލަސްކުރުމާއި ރޯދަވިއްލުން އަވަސްކުރުން، އަދި ހެޔޮޢަމަލުތައް ގިނަކުރުން، އަދި ރޯދައަށް ހުއްޓާ މީހަކު ހަޑިހުތުރުބަހުން މުޚާޠަބްކޮށްފިނަމަ ތިމަންނާ މިހުރީ ރޯދަޔަށޭ ބުނުން ހިމެނިގެންވެއެވެ. އަޅުގަޑުމެންގެ ނަމާދާއި ރޯދަ، އަދި އެނޫންވެސް އެންމެހައި ޢަމަލުތަކުގައި އިޚްލާޞްތެރިވާންޖެހެއެވެ. އެހެނީ އިޚްލާޞްތެރިކަން ނެތިއްޖެނަމަ މާތް ﷲ އެއްވެސް ޢަމަލެއް ގަބޫލެއް ނުކުރައްވާނެއެވެ. މީގެ އިތުރުން ކޮންމެ ހެޔޮޢަމަލެއްވެސް ކުރަންވާނީ މާތް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މާތް ނަމޫނާ ގައި ހިފައިގެންނެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ރޭއަޅުކަން ގިނަކުރަން ޖެހެއެވެ. މިގޮތުން ތަރާވީޙް ނަމާދަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަން ޖެހެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައަކީ: "އީމާންކަމާއި ދަރުމައަށް އެދި ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފިމީހަކަށް މާތް ﷲ އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެތެވެ". އިމާމާއި އެކު ތަރާވީޙް ނިމެންދެން ބައިވެރިވުމަކީ ދަރުމަ އިތުރުވެގެންދާނެ ކަމެއް ކަމުން އެކަމަށް ޚާއްޞަ ސަމާލު ކަމެއް ދޭން ޖެހެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ) މާނައަކީ: "އިމާމާ ނިމެންދެން އޭނާއާއި އެކުގައި ނަމާދުކުރުމުގައި ދެމިހުރެއްޖެނަމަ މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ ދެއްވާނެއެވެ".

ހަމަ އެޔާއިއެކު، ރަމަޟާންމަހުގެ ފަހުދިހައިގެ ރޭ ތަކުގައި އިތުރަށް އަޅުކަމައިގެން މަޝްޣޫލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ ފަހުދިހައިގެ ރޭ ތަކުގެ ތެރެއިން ރެ އެއްގައި ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވުމެވެ. އެރެޔަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުރެއެކެވެ. އެރޭކުރާ އެންމެ އަޅުކަމަކީ އެހެން 83 އަހަރާއި 4 މަސްދުވަހު ކުރާ އަޅުކަމާއި އެއްވަރުގެ އަޅުކަމެކެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. (أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَجْتَهِدُ فِيْ الْعَشْرِ الْأَوَاخِرِ مَالَا يَجْتَهِدُ فِيْ غَيْرِهَا) މާނައަކީ: " އެހެންދުވަސްތަކުގައި އަޅުކަމައިގެން ނޫޅުއްވާ ވަރަށް ރަމަޟާންމަހުގެ ފަހުދިހައިގައި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަމައިގެން އުޅުއްވައެވެ". އަދިވެސް އެކަމަނާ ވިދާޅުވިއެވެ. (كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مَأْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ) މާނައަކީ: "ރަމަޟާންމަހުގެ ފަހުދިހަވަދެއްޖެނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޒާރުކޮޅު ބާރުކުރައްވާ، ރޭތައް އިޙްޔާ ކުރައްވާ، އަހްލުވެރިން ހޭލައްވައެވެ". ލައިލަތުލް ގަދްރި ވިލޭރެއަކީ އެރެއެއްގައި ގުރްއާން ބާވާލެއްވުމުގެ ސަބަބުން އެރެއެއް މާތް ﷲ ޝަރަފްވެރިކޮށްދެއްވި ރެއެވެ. އެރެއެއްގެ ފަތިސްވުމަށްދާންދެން މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބާވަޑައިގަންނަވާ ރެއެވެ. އީމާން ކަމާއި ދަރުމައަށް އެދި އެރޭ ރޭއަޅުކަންކޮށްފިމީހެއްގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެރެއެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމްވެގެންވަނީ ފަހުދިހައިގެ ރޭތަކުގައި ނަމާދުކޮށް، ގުރްއާންކިޔަވާ، ތައުބާވެ، ފާފަފުއްސެވުންއެދި ގިނަގިނައިން ދުޢާކޮށް، ސުވަރުގޭގެ މަތިވެރި ނިޢްމަތަށް އެދި، ނަރަކައިގެ ބިރުވެރި ޢަޛާބުން ސަލާމަތްކޮށްދެއްވުން އެދި ގިނަގިނައިން މާތް ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ. ލައިލަތުލް ގަދްރިވިލޭރޭގެ މަތިވެރިކަން ޙާޞިލްވުމަށް އެދިގެންނެވެ.

މުސްލިމުންގެ މައްޗަށް ލާޒިމްވެގެންވަނީ ރަމަޟާންމަހުގައިވެސް އަދި އެނޫން މަސްތަކުގައިވެސް ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނައާއި މެދު ފިކުރު ހިންގުމެވެ. އޭރުން ގިޔާމަތްދުވަހުން އެގުރްއާން އޭނާ އަށް ޙުއްޖަތެއްކަމުގައި އަދި ޝަފާޢަތް ތެރި އެއްކަމުގައި ވާނެއެވެ. ގުރްއާން ކިޔަވާ މީހަކު ދުނިޔެ އާއި އާޚިރަތުގައިވެސް ގެއްލި ހަލާކުވެގެން ނުދާނެކަން އަންގަވާ ސޫރަތު ޠާހާ ގެ 123 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَى) މާނައަކީ: "ފަހެ ތިޔަބައިމީހުންކުރެ ތިމަން ﷲ ދެއްވި ތެދުމަގަށް ތަބަޢަވެއްޖެ މީހަކީ ގެއްލެވި އަދި އުނދަގޫތައް އުފުލާންޖެހޭނޭ މީހެއްނޫނެވެ".

މިސްކިތުގައި އެކަކު އަނެކަކަށް ގުރްއާން ކިޔަވަން ދަސްކޮށް، ގުރްއާނުގެ ޢިލްމު އުނގެނުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (وَمَا اجْتَمَعَ قَوْمٌ فِيْ بَيْتٍ مِنْ بُيُوْتِ اللهِ يَتْلُوْنَ كِتَابَ اللهِ وَيَتَدَارَسُوْنَهُ بَيْنَهُمْ إِلَّا نَزَلَتْ عَلَيْهِمُ السَّكِيْنَةَ وَغَشِيَتْهُمُ الرَّحْمَةَ وَحَفَّتْهُمُ الْمَلَائِكَةَ وَذَكَرَهُمُ اللهُ فِيْمَنْ عِنْدَهُ) މާނައަކީ: "ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެއެއްގައި ބަޔަކު މީހުން ޖަމަޢަވެ ގުރްއާން ތިލާވަތުކޮށް، އެ މުދާރަސާކުރާކަމަށްވަނީނަމަ، އެބައެއްގެ މައްޗަށް މަޑުމައިތިރިކަން ބާވާލައްވާނެއެވެ. އަދި އެބައިމީހުންގެ މައްޗަށް މާތް ﷲ ގެ ރަޙްމަތް ފުރިގެން ދާނެއެވެ. އަދި އެބައިމީހުން ވަށައިގެން މަލާއިކަތް ބޭކަލުންވާނެތެވެ. އަދި ﷲ ގެ ޙަޟްރަތުގައިވާ މަލާއިކަތް ބޭކަލުންގެ އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކުރުކުރައްވާނެއެވެ".

ރޯދައަށް ހުންނަ ގަޑީގައްޔާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. "يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ" މާނައަކީ: "ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ، އެގޮތުގައި ފަތިސްވަންދެން ދެމި ހުންނަވައެވެ". އަދިވެސް ޙަދީޘް ކުރައްވައެވެ. "إِنَّ فِيْ اللَّيْلِ سَاعَةً لَّا يُوَافِقُهَا مُسْلِمٌ يَّسْأَلُ خَيْرًا مِّنْ أَمْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ" މާނައަކީ: "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދި މުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެ ރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.

ރޯދަ އަށް ހުންނަ ގަޑީގައްޔާއި ރޯދަވިއްލާ ގަޑީގައި ދުޢާ ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ރޯދަވިއްލާގަޑީގައި ކުރާ ދުޢާ އަކީ އިޖާބަ ކުރައްވާނެ ދުޢާ އެއްކަންވެސް ބަޔާންކޮށްދެއްވާފައިވެއެވެ. މާތް ﷲ އަޅުގަޑުމެންނަށް އަންގަވާފައިވަނީ ދުޢާ ކުރުމަށެވެ. އެކަލާނގެ އެދުޢާ އިޖާބަ ކުރައްވާނެކަންވެސް އަންގަވާފައިވެއެވެ. ސޫރަތު ޣާފިރުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ) މާނައަކީ: "ތިޔަބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހް އަންގަވައެވެ. ތިޔަބައިމީހުން ތިމަން ﷲ ގެ ޙަޟްރަތަށް ދުޢާ ކުރާށެވެ. ތިމަން ﷲ އެދުޢާ އިޖާބަކުރައްވާ ހުށީމެވެ".

އިންސާނާގެ ޙަޔާތުގައި މިވާ މަދުދުވަސްކޮޅު މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމުގައި ހޭދަކުރުމަކީ ކޮންމެހެން އެދެވިގެންވާ ކަމެކެވެ. އަދި ގެއްލުން ދެނިވި އެންމެހައި ކަންތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ. ޚާއްޞަގޮތެއްގައި ރަމަޟާންމަހުގެ ދުވަސްތަކެވެ. އެޔަކީ ބަދަލު ލިބޭނެ ދުވަސްތަކެއް ނޫނެވެ. އެހެންކަމުން މި މާތް މައްސަރާއި ބައްދަލުވެއްޖެމީހާ އެމައްސަރުގެ ވަގުތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންވާނެއެވެ. މިގޮތުން ފަތިސްނަމާދުކޮށްގެން އިރުއަރަންދެން މިސްކިތުގައި ޛިކުރު ކުރުން މަތީ ދެމިހުރުން މުހިންމެވެ. އިރުއަރާތާ ގާތްގަޑަކަށް 15 ވަރަކަށް މިނިޓްފަހުން ޟުޙާ ގެ ވަގުތު ވަންނާނެއެވެ. އެހިސާބުން ޟުޙާ ނަމާދުގެ ދެރަކްޢަތް ކޮށްލައިގެން މިސްކިތުން ފޭބުމުން ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ދަރުމަ އާއި ޘަވާބު ލިބޭނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ صَلَّى الْفَجْرَ فِيْ جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللهَ حَتَّى تَطْلُعَ الشَّمْسَ ثُمَّ صَلَّى رَكْعَتَيْنِ كَانَ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ تَامَّةٍ تَامَّةٍ تَامَّةٍ) މާނައަކީ: "ޖަމާޢަތުގައި ފަތިސްނަމާދުކޮށް، އިރުއަރަންދެން މާތް ﷲ ޛިކްރު ކުރުން މަތީ ދެމިހުރެ، ދެރަކްޢަތް ނަމާދެއް ކޮށްފި މީހަކަށް ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަކޮށްނެވެ. ފުރިހަމަ ކޮށްނެވެ، މިހެން ދެފަހަރަށް ޙަދީޘް ކުރެއްވިއެވެ". ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަޞްޙާބުން ކަންތައް ކުރައްވާފައިވަނީވެސް ހަމައެގޮތަށެވެ. (ނުނިމޭ)

ރިޕޯޓްގެ ދެވަނަބައި މާދަމާ ޝާއިޢުކުރާނެ ވާހަކަ ދަންނަވެމެވެ.

އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *