އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ އަސާސަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން: އިމްރާން

އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ އަސާސަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2021 02:33
0

އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ އެންމެ ބޮޑު އަސާސަކީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިފަދަ ގޮތަކަށް ވިދާޅުވީ އއ.އަތޮޅަށް އަވަށްޓެރި ފުލުހުންގެ ޚިދުމަތް ތަޢާރަފްކުރުމަށް އއ. މަތިވެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ މި ހިދުމަތުގެ ބޭނުމަކީ ފުލުހުންނާއެކުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން އެކުގައި މަސައްކަތްކުރާނެ ނިޒާމެއް އެކުލެވިގެން ދިއުންކަމަށެވެ.

އަދި ކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށުގެ އަސްލު ދެނެގަނެ، އެނައްތާލުމަށްޓަކައި މަސައްކަތްކުރުމަކީ މިނިޒާމްގެ ބޭނުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކުރެވޭ ދަތުރުގައި ކައުންސިލާއި، ސްކޫލާއި، ހެލްތް ސެންޓަރާއި، ރަށުގެ އެހެން މުއައްސަސާތަކާއި ފުލުހުން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިކަމާއި ސަލާމަތަކީ އެންމެން އެކުގައި ގުޅިގެން ކުރާކަމެއްކަން ކަށަވަރުވެގެންދާނެކަމަށެވެ. އަދި ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރަކީ ރަށުގެ ފާގަތިކަމާއި، އިގްތިސާދަށްވެސް ލިބިގެންދާނެ ކުރިއެރުމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް އއ. އަތޮޅުގައި ފައްޓަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.  މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، އއ. އަތޮޅު ކައުންސިލްގެ ރައީސް އާއި، އއ. މަތިވެރީ ކައުންސިލްގެ ރައީސް އާއި، ކައުންސިލް މެމްބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މަތިވެރީގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.

އއ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ އދ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައެވެ. އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ހިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.