ރައީސް ވަހީދާއި، ޕީޕީއެމްގެ އިސްބޭފުޅުން މާލޭގައި ދޮރުން ދޮރަށް

ރައީސް ވަހީދާއި، ޕީޕީއެމްގެ އިސްބޭފުޅުން މާލޭގައި ދޮރުން ދޮރަށް

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 05:10
0

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުއާއި، ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން މާލޭގައި ދޮރަށް ދޮރަށް ކެމްޕެއިން ކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ދޮރުން ދޮރަށް ކުރިއަށް ގެންދާ މިހަރަކާތަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕެއިން ހަރަކާތެކެވެ. އަދި މުއިއްޒުއާއި އެކީ މާލެ ސިޓީއަށް އިދިކޮޅު ކޯލިޝަން ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނަށްވެސް ތާއީދު ހޯދުމުގެ މަސައްކަތް މި ހަރަކާތުގެ ތެރެއިން ދަނީ ކުރަމުންނެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި ޕީޕީއެމްގެ ކެމްޕެއިން ޓީމުތައް ހަރަކާތްތެރިވާއިރު، މާލޭގެ އެކި ދާއިރާތަކަށް ނިސްބަތްވާ ބޭފުޅުންވެސް ދަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. ކެމްޕެއިން ހަރަކާތުގައި ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލް މެމްބަރުންނާއި، ޕާޓީގެ އިސްސަފުގެ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ވަނީ ބައިވެރިވެފައެވެ. އަދި މި ހަރަކާތުގައި، ޕީޕީއެމްގެ ފަރާތުން އެކި ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންވެސް ދޮރުން ދޮރަށް ހިގާލުމަށް މިއަދު ބޭއްވުނު ހަރަކާތުގައި ބައިވެރި ވެފައި ވެއެވެ.

ކައުންސިލް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، މާލެ ސިޓީގެ މޭޔަރުގެ މަޤާމަކީ އެންމެ ވާދަވެރި އެއް މަޤާމެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަބަޔެއްގެ ޝައުގުވެރިކަން ހުއްޓިފައިވަނީވެސް މި މަޤާމަށް ވެގެންދާނެ ގޮތަކަށެވެ. މި މަގާމަށް ވާދަކުރައްވަމުން ގެންދަވަނީ، ޑރ. މުއިއްޒުގެ އިތުރުން އެމްޑިޕީގެ ޓިކެޓްގައި ވާދަކުރަވާ އަނަސް އަބްދުއްސައްތާރުގެ އިތުރުން އަމިލް ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަމުން ގެންދަވާ އަލްހާން ފަހުމީއެވެ.

ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުއިއްޒުއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރކަމަށް ވާދަ ކުރާ ކެނޑިޑޭޓުންނަށް އޮތް ތާއީދު ވަޒަން ކުރުމަށްޓަކާ، ޚަބަރު އޮންލައިންގެ ފަރާތުން މިހާތަނަށް ނަގާފައިވާ ގިނަ ޚިޔާލު ހޯދުންތަކުންވެސް ކުރި ހޯއްދަވާފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި މޭޔަރކަމަށް ވާދަކުރައްވަމުން ގެންދަވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.