ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޯށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. އޮމަދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތް ދޭންވާނީ ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާއި އެއްގޮތަށް އެހިދުމަތްދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށްކަމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮސްފައިވާކަމަށާއި އެހެންކަމުން ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރަންކަމަށް ވިދާޅުވިއެވެ. އަދި އޮމަދޫގައި ހުޅުވިގެންދިޔަ މި ޕޮލިސް ޕޯސްޓަކީ މިދެންނެވި އަމާޒަށް ވާސިލުވުމަށްޓަކައި ކުރިޔަށް އެޅުނު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ އައު ގާނޫނު އެކުލަވާލުމުގެ ކުރިންވެސް 2019 ވަނަ އަހަރު އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ ހަ ޕްރައޯރިޓީގެ ތެރޭގައި " ލޯކަލް ޕޮލިސިން" ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް އިތުރު އަހައްމިޔަތުކަމެއް ދިނުމުގެ މަގުސަދުގައިކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އޮމަދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމާއެކު އދ. މަހިބަދޫން ފުލުހުން އެޓެންޑްވެ މިރަށަށް ދެމުންއައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުން އައި އައުމަށް ނިމުން އައިސް، ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވިގެންދާނެކަމަށް ވިދާޅިވިއެވެ.
ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންގިލާބީ ބަދަލަކީ ނެއިބަރހުޑް ޕޮލިސިންގ ނުވަތަ އަވަށްޓެރި ފުލުހުންގެ މަސައްކަތްކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ރައްޔިތުންނާއި ފުލުހުންގެ ގުޅުމުގެ ތެރެއިން މުޖުތަމައުގައި ހިނގާ ކުށާއި އެކުށުން އުފެދޭ ބިރުވެރިކަމުގެ އިހްސާސް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތަކުން ކުށަށްބަދަލުވާ ކަންކަމާމެދު އިތުރަށް ސަމާލުވެ ފުލުހުންގެ ހިދުމަތްތައް ދެމުން ގެންދިއުން އެއީ މިއަދު ވަރަށް އިސްކަންދޭ ކަމެއްކަން ފާހަަގަކުރެއްވިއެވެ.
އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންނަގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

އދ. އޮމަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕޯސްޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އިސް އޮފިސަރުންނާއި އޮމަދޫ ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.
ކޮމެންޓު ފޮނުވާ