ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން މިއަދު ފަށައިފިއެވެ. ދެވަނަ ޑޯޒް މިއަދުދެނީ ފެބްރުއަރީ 1 އިން 4 އާއި ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށެވެ.
މިއަދު ދެވަނަ ޑޯޒް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގައި މިއަދު ވަނީ 1،149 މީހުން ފުރަތަމަ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއިއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދުވަނީ 1،721 އަށް އަރާފައެވެ. އެޗްޕީއޭއިން ރަސްމީކޮށް މިއަދު ދެވަނަ ޑޯޒް ދޭން ފެށި ނަމަވެސް ޚާއްސަ ހާލަތުގައި ދިޔައީ ދެވަނަ ޑޯޒް ވެކްސިން ދެމުންނެވެ.
މިއަދު ވަނީ ފުރަތަމަ ޑޯޒްވެސް ޖަހާފައެވެ. މިއަދު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 409 މީހުންނެވެ. އަތޮޅު ތަކުން މިއަދު ވަނީ 2،213 މީހުން ފުރަތަމަ ޑޯޒް ޖަހާފައެވެ.
ރާއްޖޭގައި ކޯވިޑް- 19އިގެ ދިފާޢު ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ.
މިހާތަނަށް ރާއްޖޭގެ އާބާދީގެ ދެލައްކަ ސާޅީސް އެއް ހާސް އެއް ސަތޭކަ ހަތާވީސް މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މިއަދު ފަށާފައިވާއިރު ޗައިނާގެ ސިނޯފާމް ވެކްސިންވެސް މަރޗް 22 ވަނަ ދުވަހު ރާއްޖޭގައިވަނީ ދޭން ފަށާފައެވެ. ސިނޯފާމް ވެކްސިން މިހާތަނަށް ދޭން ފަށާފައިވަނީ މާލެ ސަރަޙައްދުގައި އެކަންޏެވެ. ސިނޯފާމް ވެކްސިން ފުރިހަމަކުރެވޭނީ ދެ ޑޯޒް ޖެހުމުންނެވެ. ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ފަހުންނެވެ.
ކޮވިޝީލްޑްއާއި ސިނޯފާމް ވެކްސިންގެ އިތުރުން ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފެށުމަށްވެސް ތައްޔާރުވެފައިވާ ކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ. ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމަށާއި، އެގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ