ނައިފަރުގައި އެޗްޕީއޭއާއި، އިލެކްޝަނުން އަމަލުކުރާ ހަރުކަށި އުސޫލަށް ޝިޔާމްގެ ކަންބޮޑުވުން

ނައިފަރުގައި އެޗްޕީއޭއާއި، އިލެކްޝަނުން އަމަލުކުރާ ހަރުކަށި އުސޫލަށް ޝިޔާމްގެ ކަންބޮޑުވުން

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2021 07:21
0

ނައިފަރުގައި އެޗްޕީއޭއާއި، އިލެކްޝަނުން އަމަލުކުރާ އުސޫލު ޤާނޫނު އަސާސީއާއި ފުށޫއަރާ ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ކޯވިޑް އެންމެބޮޑަށް ފެތުރިފައިވާ ނައިފަރު، ފެލިވަރު، ހުރާގައި، ކޯވިޑަށް ޓެސްޓު ކުރުމާއި، ނަތީޖާ ލިބުން ވަރަށް ބޮޑަށް ލަސްކަންފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައި ކުރެއްވި ޓުވީޓާއި ގުޅިގެންނެވެ.

ޝިޔާމްވަނީ އާދަމް ޝަރީފްގެ ޓްވީޓަށް ތާއީދު ކުރައްވައި އެޗްޕީއޭއިން ނައިފަރުފަދަ ތިއްޖެހިފައިވާ ބޮޑު އާބާދީއެއް ހިމެނޭ ރަށަކަށް ހަރުކަށި ގަވާއިދެއް ނެރުމުން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ރަށުގައި އެކަށިގެންވާ ވަސީލަތެއް ނެތި އެކަން ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާހާލު ހަރުކަށި ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިހާލަތުގައި އިންތިޚާބަށް އެންމެ ހަތް ދުވަހަށް ވެފައިވާއިރު، އިލެކްޝަނުން އަމަލު ކުރަނީވެސް ޤާނޫނު އަސާސީއާއިވެސް ފުށޫ އަރާފަދަ އުސޫލުތަކެއްގެ ތެރެއިންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ރަނގަޅު ވާހަކަފުޅެއް. ތިޔަ ވިދާޅުވި ރަށްރަށުގެ އިތުރުން އެ އަތޮޅުތަކުގެ ހާލަތުވެސް ފެންނަނީ ވަރަށް ގޯސްކޮށް. ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއަކަށް އެޗްޕީއޭގެ ގެނެރަލް ގައިޑްލައިން ޕްރެކްޓިކަލް އެއްނޫން. އިލެކްޝަން ކޮމިޝަނުން ނެރެފައިވާ އުސޫލުވެސް ހަމަ އެފަދަ އަދި ޤާނޫނު އަސާސީއާއިވެސް ފުށޫ އަރާ.

– ޝިޔާމް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކައުތެރިވުމަށް ފާދިއްޕޮޅު ނައިފަރާއި މާލެއަތޮޅު ހުރާގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ(އެޗްޕިއޭ)އިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިންވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، 7 ދުވަހުގެ މުއްދަތަށް، ނައިފަރާއި ހުރާގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އަންގަވާފައެވެ.

ނައިފަރާއި ހުރާގައި އަޅަން އަންގަވާފައިވާ ފިޔަވަޅުތައް:

– ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި ޢާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން

– އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން، މަގުމައްޗާއި ޢާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން

– އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން

– ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން

– ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން ( މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނޭ)
ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން

– ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން

– ފިހާރާތަކާއި ބޭންކުތައް ފަދަ، އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، އެޗްޕީއޭއިން އާމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން

– ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން

– ޓޭކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން

– މީގެ ތެރެއިން ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި ޢާންމު ތަންތަނަށް ނުކުމެ އުޅުން އިސްތިސްނާވާނީ، ސިފައިންނާއި ފުލުހުންގެ އިތުރުން ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލާންސްއާއި ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދާންޖެހޭ ފަރާތްތައްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އެފަރާތުން އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެކަމަށާ، މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ.

އަދި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުވަނީ އަންގަވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޯލި
MP Adam Shareef kiyanee ehen echcheh raglhu gotheh noavey