ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 241،000 އިން މައްޗަށް

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 241،000 އިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2021 10:21
0

ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 354 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 241،127 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

މިއަދަކީ ހުކުރު ދުވަހަކަށް ވުމުން މިއަދު މާލެ ސަރަހައްދުގައި ވެކްސިން ޖަހާފައި ނުވެއެވެ. މިއަދު ވެކްސިން ޖަހާފަިއވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ. އަތޮޅު ތެރެއިން މިއަދު ވެކްސިން ޖެހި 354 މީހުންނާއިއެކު އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 109،083 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 8 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި 2 މޯބައިލް ޓީމް ހަރަކާތްތެރިވަމުން އަންނަނީ އަތޮޅުތަކުގެ 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުނެނެވެ. މާލޭގައި ވެކްސިން ޖަހައިދެމުން އަންނަ ތަންތަނުގެ ތެރޭގައި ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ސެންޓަރާއި، ޓްރީޓޮޕް ހޮސްޕިޓަލު ހިމެނެއެވެ.

މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00އިން މެންދުރުފަހު 15:00އާ ހަމައަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެދުރު 12:00އާ ހަމައަށެވެ.

މީގެ އިތުރަށް ކޯވިޑް19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މާދަމާ ޖަހަން ފެށުމަށް ވަނީ ނިންމާފައެވެ. މާދަމާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންފަށަން ނިންމާފައިވާއިރު، ވެކްސިންދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 1 އިން 4 އާއި ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.