އިރާނާއި ދެކޮޅަށް އަޅާފައިވާ 13 އަހަރުވީ ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުން އަތުވެއްޖެ

އިރާނާއި ދެކޮޅަށް އަޅާފައިވާ 13 އަހަރުވީ ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުން އަތުވެއްޖެ

އެމެރިކާގެ ދެކޮޅު ހެދުމާއި އެކުވެސް، 13 އަހަރުވަންދެން އިރާނާއި ދެކޮޅަށް އދ. އިން އަޅާފައިވާ ހަތިޔާރު އެތެރެކުރުމުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު މިއަދުން ފެށިގެން ހަމަވެފައިވާ ކަމަށް އިރާނުގެ ފޮރިން މިނިސްޓްރީން މިއަދު ހާމަ ކޮށްފިއެވެ.

އ.ދގެ ސަލާމަތީ މަޖިލީހުން މީގެ 13 އަހަރުކުރިން އިރާނާއި ދެކޮޅަށް އަޅާފައިވާ ހަތިޔާރު އެތެރެކުރުން މަނާކުރުމުގެ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް މިއައީ، 2015 ވަނަ އަހަރު އެގައުމުން ސޮއިކޮށްފައިވާ 'ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން' (JCPOA)ގެ 2231 ވަނަ ރިޒޮލިއުޝަނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޖޭސީޕީއޯއޭ އެއްބަސްވުމުގައި ވާގޮތުން އީރާންއިން އެގައުމުގައި ތަރައްގީ ކުރަމުންދާ ނިއުކްލިއަރ ޕްރޮގްރާމް ބައިނަލް އަގުވާމީ ފަރާތަކަށް މޮނިޓަރކުރުމަށް ހުޅުވާލާ އަދި ނިއުކުލިއަރ ހަތިޔާރުގެ ޝައުގުވެރިކަން ދޫކޮށްލުމުން، އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ލިބިގެން ދާނެއެވެ. މި މުއާހަދާގައި ވާގޮތުގެމަތިން ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުން އައިކަން އިއުލާނުކޮށް އިރާނުގެ ފޮރިން މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އަދީއްތަ ދުވަހުން ފެށިގެން ހަތިޔާރު އެތެރެކުރުމާއި ބޭރުކުރުމުގެ  އިތުރުން ހަތިޔާރާއި ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައިވެސް އިރާނަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

އަދި އިތުރަށް ބުނެފައި ވަނީ ހަތިޔާރު އެތެރެ ކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އޭގެ ޒާތުގައި ނިމުމަކަށް އައުމާއި ގުޅިގެން، އީރާނުގެ ދިފާޢީ ބާރު އިތުރު ކުރުމަށްޓަކާ މިސައިލްތަކާއި، ޓޭންކުތަކާއި އަދި ހެލިކޮޕްޓަރުތައް ފަދަ އާންމުކޮށް ބޭނުންކުރާ ހަތިޔާރުތައް އެއްވެސް ގައުމަކުން ގަތުމާއި އަދި އެހެން ގައުމަތަކަށް ވިއްކުމުގައި މިހާރު އެގައުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. އަދި މީގެ އިތުރަށް އިރާނުން ބުނެފައިވަނީ، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ގަތުމާއި އެފަދަ ހަތިޔާރުން ވިޔާރި ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އެގައުމުން ނުގެންގުޅޭނެއެވެ.

ޖޭސީޕީއޯއޭގައި ވާގޮތުގެ މަތިން ހަތިޔާރުގެ ވިޔަފާރިކުރުމާއި އެތެރެކުރުން މިހާރު ހުއްދަވެފައިވާ ކަމަށް އިރާނުން ބުނެފައިވާއިރު، މި މުއާހަދާއިން 2018 ވަނަ އަހަރުގެ މޭއި މަހު އެމެރިކާއިން ވަނީ އަމިއްލައަށް ވަކިވެފައެވެ. އަދި އެމެރިކާއިން ވަނީ އިގްދިސާދީ ހަރުކަށި އެތަކެއް ފިޔަވަޅުތަކެއް އަލުން އިރާނާއި ދެކޮޅަށް އަޅާފައެވެ. މިގޮތުން ފާއިތުވެދިޔަ އޮކްޓޯބަރު މަހު އެމެރިކާއިން ވަނީ އިރާނުގެ 18 ބޭންކެއް ބްލެކްލިސްޓް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިރާނުގެ މުޅި ފައިނޭންޝަލް ސެކްޓަރ ދުނިޔެއިން އެކަހެރި ވެގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ދަނީ ބުނަމުންނެވެ.

އަދި މީގެއިތުރުން މިމުވާހަދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ހަތިޔާރުގެ މުޢާމަލާތް ކުރުން މަނާކުރާ މާއްދާ އުވިގެންދިޔަ ނުދިނުމަށް ނުފޫޒުގެ ބޭނުންކޮށްގެ މިހާތަނަށް އައިއިރު އެމެރިކާއިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

ފާއިތުވެދިޔަ އޮކްޓޯބަރު މަހު އެމެރިކާއިން ވަނީ ޖޭސީޕީއޯއޭގެ ދަށުން އިރާނުން ހަތިޔާރުގެ ވިޔަފާރި ކުރުން މަނާކުރާ މާއްދާގެ މުއްދަތު އިތުރުކުރުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ކައުންސިލުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. މިގޮތުން ސެކިއުރިޓީ ކައުންސިލްގެ 14 މެމްބަރު ގައުމުގެ ތެރެއިން ފްރާންސް، ޖާމަނީ އަދި އިގިރޭސި ވިލާތުގެ އިތުރުން އިތުރު އަށް ގައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދީފައެވެ. ޗައިނާ އަދި ރަޝިޔާއިން ވަނީ ފާޅުގައި އެމެރިކާގެ މި ހުށަހެޅުމާއި ދެކޮޅު ހަދާފައެވެ. އެމެރިކާއާއި އެއްކޮޅަށް ވޯޓު ދީފައިވަނީ ޑޮމިނިކަން  ރިޕަބްލިކުން އެކަންޏެވެ. ގިނަ ގައުމުތަކުން ދެކޭގޮތުގައި 2018 ވަނަ އަހަރު އެމެރިކާއިން އަމިއްލައަށް މިއެއްބަސްވުމުން ވަކިވެފައި ވާތީވެ، މިއެއްބަސްވުމުގެ މާއްދާތަކަށް އަމަލު ކުރުމާއި ނުކުރުމުގައި އެމެރިކާއަށް މިހާރު އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *