އަދަދުތައް މައްޗަށް، ފިޔަވަޅުތަކަށް ލުއި!

އަދަދުތައް މައްޗަށް، ފިޔަވަޅުތަކަށް ލުއި!

ކޯވިޑް19އަކީ، މި ގަރުނުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ރޯގާއެވެ. އަދި މިއީ ވަކި ގައުމެއް، ވަކި ބޯޑަރެއް، ވަކި މީހެއް އިސްތިސްނާވުމެއް ނެތި، ދުނިޔޭގެ ހުރިހާ ގައުމަކާ އަދި ހުރިހާ ރައްޔިތުންވެސް މިބަލީގެ ޝިކާރައަކަށް ވެފައިވާ، ނުރައްކާތެރި ބައްޔެކެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، މިބައްޔަކީ ނުރައްކާތެރި ބައެއްޔެއްކަމުގައި ގަބޫލުކުރަން ދެކޮޅު ހެދި އެތައް ބަޔަކު ޚުދު މިބަލީގައި ދުނިޔެއާއި އަލްވަދާއު ކިޔަންޖެހިފައިވާ ކަމެވެ.

މީގެތެރޭގައި ގައުމުތަކުގެ ރައީސުންނާއި، މަޝްހޫރު އެތަކެއް ޝަޚުސިއްޔަތުތައްވސް އެބަ ހިމެނެއެވެ.

ކޯވިޑް19 މުޅި ދުނިޔެއަށް ފެތުރެން ފެށުމާއެކު، ގައުމުތަކުން މި ބައްޔާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަލަން ފެށިއެވެ. މީގެތެރޭގައި، ބޯޑަރުތައް ބަންދު ކުރުމާއި، ގައުމުތަކުގެ ބައިބޯ ސިޓީތަކުގައި ކާފިއު ހިންގުމާއި އަދި ސިޓީތަކާއި އަވަށްތައް ލޮކް ޑައުން ކުރުންފަދަ އެތަކެއް ފިޔަވަޅުތަކެއް ހިމެނެއެވެ. ހަމަ އެއާއިއެކު، ވިޔަފާރިތައް ބަންދުކޮށް، މީހުން ދަތުރުފަތުރު ކުރުން މަނާކުރުންފަދަ އެތަކެއް ފިޔަވަޅުތަކެއްވެސް މީގެ ތެރޭގައި ހިމެނިގެން ދިޔައެވެ.

ކޯވިޑް19ގެ ސަސަބުން އަމިއްލަ މީހުންގެ ދިރިއުޅުމަށާއި އިގްތިސަދީގޮތުންނާއި އަދި އަދި އިޖުތިމާއީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ގިނަބަޔަކު ތަހައްމަލް ކޮށްފައި ވެއެވެ. މިގޮތުން މީހުންގެ ދިރުއުޅުމަށް ލިބިގެން ދިޔަ ގެއްލުންތަކަކީ، ކޯވިޑާއި ދެކޮޅަށް އެކި ގައުމުތަކުން އަޅަމުންދިޔަ ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރިތަކަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، އަމިއްލަ ފަރުުދުންނާއި، އާއިލާތަކަށާއި އަދި ބޮޑެތި ކުންފުނިތަކަސްވެސް ކުރަމުން ދިޔަ ނޭދެވޭ އަސަރުތަކެވެ. މިގޮތުން އިގްތިސާދީ ގެއްލުން އޭގެ އިންތިހާއަށް ކޮށް، އަދި މިފިޔަވަޅުތަކާ ދެކޮޅަށް ގައުމުތަކުގައި ބޮޑެތި މުޒާހިރާތައް ހިގަމުން ދިޔައިރުވެސް، ގިނަ ގައުމުތަކުން ފިޔަވަޅުތަކަށް ލުއި ދިނުމެއްނެތި، ދަމަހައްޓަމުން އައިސްފައިވަނީ ހަގީގަތުގައި، މިބަލީ ނުރައްކަތެރިކަމާއި، އަދި އަލަށް ފެންނަމުން ދާ ކޯވިޑް19ގެ އާ ވޭރިއެންޓްތަކުގެ ސަބަބުން ކަމުގައި ދެންނެވިދާނެއެވެ.

ދިވެހިރާއްޖެ

ދިވެހި ރާއްޖެއަކީވެސް ކޯވިޑް19ގެ ނުރައްކާތެރިކަން ކުޑަ ގައުމެއްކަމުގައި ދެންނެވޭކަށްނެތެވެ. ސަބަބަކީ، މިހާތަނަށް މިބަލީގައި ރާއްޖެއިން 60 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ރާއްޖޭގެ އަބާދީއާއި އަދި ގައުމުގެ ނިސްބަތުން ބަލާއިރު މިއަދަކީ ކުޑަ އަދަދެއްކަމުގައި ދެންނެވެން ނޯންނާނެތީއެވެ. އަދި،ކޮންމެ ގޮތަކަށް ބެލި ކަމުގައިވި ނަމަވެސް، މިބަލީގައި އެންމެ މީހަކު މަރުވެގެން ދިޔަ ކަމުގައި ވިނަމަވެސް، ބައްޔަކީ ނުރައްކާތެރި، އަދި މިބަލީގެ ވޭން އެތައްބަޔަކު ތަހައްމަލް ކުރާނެ ބައްޔެކެވެ.

މި ސަބަބައްޓަކާ، ކޯވިޑް19 ރާއްޖެއިން ފެނި، މިބަލީގައި އަހަރެއް ފާއުތުވެގެން ދާއިރު، ބަލި ކޮންޓްރޯ ކުރުމަށް ރައްޖޭގައިވެސް އެތަކެއް ފިޔަވަޅުތަކެއް އަޅާފައި އެބަހުއްޓެވެ. ވަކީން ޚާއްސަކޮށް، ވެރިރަށް މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި، އެކި ގަޑިތަކުގައި ދަތުރުފަތުރު ކުރުން މަނާކުރުމުގައި ސައި ހޮޓާފަދަ ތަންތަން ބަންދު ކުރުންފަދަ އެތަކެއް ފިޔަވަޅުތަކެއް މީގެ ތެރޭގައި ހިމެނެއެވެ. މި ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވަނީ، އެޗްޕީއޭއިން އާންމު ކޮށްފައިވާ ގައިޑްލައިންތަކުގެ ދަށުންނެވެ.

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ

އަދި ބަލީގެ ހާލަތު ރަގަޅުވެގެން ދިޔަ ބައެއް ދަޑިވަޅުތަކުގައި، ވެރިރަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބި ދީފައިވި ނަމަވެސް، އެޗޕީއޭއިން ފިޔަވަޅު އެކުއެކީ ދޫކޮށްލާފައެއް ނުވެއެވެ. ސަބަބަކީ، ބަލި ނައްތާލެވޭ މަގެއް ނުފެނި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް19ގެ އާ ވޭރިއަންޓްތައް ފެންނަމުން ދިއުމާއި، ރާއްޖޭގެ ވެރިރަށް މާލެއަކީ އާދަޔާ ޚިލާފަށް ބޮޑަށް ތޮށްޖެހިފައިވާ ސިޓީއަކަށް ވެގެން ދިއުމެވެ.

ކޯވިޑް19އާއި ދެކޮޅަށް އެޗްޕީއޭއިން އަަޅަމުން ދިޔަ ބައެއް ފިޔަވަޅުތަކަށް، އެތައް ބައެއްގެ ފާޑު ކިއުން ވަރަށް ބޮޑަށް ފާއިތުވެދިޔަ ތަނުގައި އަމާޒުވެގެން ގޮސްފައިވެސް އެބަ ހުއްޓެވެ. މީގެ އެއް މިސާލަކީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން އެކި ރަށްތަކަށް ދަތުރުކުރުމަށް އެ އޭޖެންސީން ދިން ހުއްދައެވެ. މި ހުއްދަ އެޗްޕީއޭއިން ދޫކޮށްފައިވަނީ، ސިޔާސީ ފަރާތްތަކުގެ ނުފޫޒުންނާއި ބާރުންކަމުގައި ތުހުމަތުކޮށް އެޗްޕީއޭއަށް ފާޑު ކިއުން އަމާޒުވާން ފެށުމާއެކު އެޗްޕީއޭއިން މި ނިންމުން ބަދަލުކޮށް ކުރީގެ އޮތްގޮތަށް، ކަރަންޓީން ކުރުމަކާ ނުލާ ރަށްތަކަށް ދަތުރު ނުކުރެވޭ ގޮތަށް، ނިންމުން ރުޖޫޢަ ކޮށްފައި ވެއެވެ.

މުޅި ގައުމު ސިއްޙީ ބޮޑު ކާރިސާއެއްގައި ވަނިކޮށް، އެޗްޕީއޭއިން ނިންމާ މިފަދަ ބައެއް ނިންމުންތަކުގައި ހަރުދަނާ ކަމެއް ނެތްކަމުގައި، މިފަދަ ބައެއް ފިޔަވަޅުތަކާއެކީ ވަރަށް ގިނަބަޔަކަށް އިހުސާސް ކުރެވެން ފެށުނެވެ. އަދި ކަމުގެ ހަގިގަތަކީވެސް، ސިއްޙީ މާހިރުންގެ ލަފައާއެކީ، ކޯވިޑް ކާރިސާއާއިގުޅޭ ހުރިހާ ނިންމުމެއްވެސް ނިންމަމުންދާ ކަމަށް، އެޗްޕީއޭއިން ބުނަމުން ދަނިކޮށް، ގައުމުގަ ހިގަމުންދާ ސިޔާސީ އޮއިވަރުތަކާ ގުޅުންހުރި ނިންމުންތައް ޕްރެޝަރަށް ދީލާލާ އެއޭޖެންސީން ނިންމަމުންދާ ކަމަށް ގަބޫލުކުރެވޭ ބީދައިން ކަންކަން ހިގަމުން ދިއުމަކީ، ހަމަ އެ އޭޖެންސިއާ ދިމާލަށް އެނެކުންގެ އިގި އަމާޒު ވެގެންދާނެ ކަމަކަށް ވެގެން ދިއުމެވެ.

އަދަދުތައް އިންތިހާއަށް މައްޗަށް، ފިޔަވަޅުތަކަށް ލުއި!

ކޯވިޑ19 އާއި ދެކޮޅަށް އެޗްޕީއެއިން އަޅާފައިވާ ފިޔަވަޅުތަކަކީ، މި ބަލި ފެތުރިގެން ދިޔަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކާ ކޮންމެހެންވެސް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމުގައި ގަބުލުކުރަން ޖެހެއެވެ. އަދި ބައެއް ހާލަތްތަކުގައި، މި ފިޔަވަޅުތަކަކީ، ބަޔަކު ނުރުހުން ވި ކަމުގައިވިނަމަވެސް، ލުއި ނުދީ ހިފަހައްޓަން ޖެހޭ ފިޔަވަޅުތަކެއްވެސް މެއެވެ. ސަބަބަކީ، އަނެކުންގެ ޖަޒުބާތުގެ ކުރިޔަށް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރަން ޖެހޭނެތީއެވެ. އަދި މި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމާއި ލުއި ދިނުންވެސް، އެޗްޕީއޭގެ އަތްމައްޗަށް ދޫކޮށްލާފައި އޮތުން މުހިންމު ކަމުގައި މިއީވެސް ދެބަސްވުމެއް ނެތި އެންމެވެސް ގަބޫލު ކުރާނެ ހަގީގަތެއްކަންވެސް ޔަގީނެވެ.

ކޯވިޑް19 އައި ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް، މިބައްޔަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނަނީ މިދުވަސްކޮޅުގައި ކަމަށް ދެންނެވިދާނެއެވެ. ފަހަކަށް އައިސް، ބައްޔަށް އަތޮޅު ތެރެއިން ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް މަތިވެ، އިއްޔެ މިވަނީ އަލަށް، އެއް ދުވަހެއްގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައެވެ. މިގޮތުން ބައްޔާއިދެކޮޅަށް ވެކްސިން ދެވެމުން ދާއިރުވެސް، ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދުތައް ދަށްނުވެ މަތިވަމުން ދާދިއުމުގައި އާންމު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުންނާނެ ކަން ޔަގީނެވެ.

އަދަދުތައް އިންތިހާއަށް މައްޗަށް ދިޔަ ނަމަވެސް، އެޗްޕީއޭއިން ވަނީ އަޅާފައިވާ ގިނަ ފިޔަވަޅުތައް ދޫކޮށްލާފައި

މި ކަންބޮޑުވުންތައް މިގޮތުގައި ހުރިއިރު، އިއްޔެ އަލަށް އެޗްޕީއޭއިން ނިންމާފައި މިވަނީ ކޯވިޑް19 އައި ދެކޮޅަށް އަޅާފައިވާ ގިނަގުނަ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ހޮޓާ ރެސްޓޯރަންޓްތައް ހުޅާވާފައި ބެހެއްޓޭ ވަގުތު އާންމު ހާލަތަކަށް ގެނެސް، ބައިބޯ، ވެރިރަށް މާލޭގައި އެއްވެ އުޅުންވެސް މިވަނީ ވަރަށް ބޮޑުތަނުން ދޫކޮށްލެވިފައެވެ. މާލޭގައި، ކައިވެނި ހަފްލާތަކާއި، ޕާޓީތައް ބޭއްވުުން ފެށިގެން ގޮސް، ދަތުރުފަތުރު ކުރުމުގައިވެސް މިހާރު އެއްވެސް ހިފެހެއްޓުމެއް ނެތެވެ. އެހެންނަމަވެސ،ް ކޯވިޑް19އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދަށް ލުޔެއް ނުލިބެއެވެ. މިއީ މިބަލި ފެތުރޭ ފެތުރުމާއި، އަދި ބައްޔާއި ދެކޮޅަށް މިހާތަނަށް ފިޔަވަޅުތައް އަޅާ، އެ ފިޔަވަޅުތައް ދެމެހެއްޓުމަށް އެޗްޕީއޭއިން ކުރަމުން ދިޔަ މަސައްކަތްތަކާ މުޅިންތަފާތު، އަދި އަލަށް އެޗްޕިއޭއިން އާންމު ކޮށްފައިވާ އުސޫލެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ހަމަ އެއާއެކު، ކޯވިޑް19 ހުއްޓުމެއް ނެތި ފެތުރެމުން ދިޔަ ނަމަވެސް، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، ފިޔަވަޅުތަކަށް ލުއި ދިނުމަށް ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލަމުން ދާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްަންޖެހެއެވެ. ލޯކަން ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ 10 ދުވަހަށް ވެފައިވާއިރު، ކެފޭ ސައި ހޮޓާ ފަދަ ތަންތަން ބަންދު ކޮށްފައި ބެހެއްޓުން ގަބޫލު ނުކުރައްވާނެކަމަށް އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެފަހަރެއްގެ މަތިން ވިދާޅުވެފައެވެ.

ކޯިޑްގެ ފިޔަވަޅުތައް ލުއި ކުރުމަށް ތަކުރާރުކޮށް ނަޝިދުވަނި ގޮވާލައްވާފަ

ކޮންމެއަކަސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ވެކްސިން ޖަހަމުން ދިޔަ ކަމުގައިވި ނަމަވެސް، ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް މަތިވަމުން ދާކަމެވެ. ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު މަތިވަމުން ދާނަމަ، ބައްޔާއި ދޭތެރޭ ހުރި ކަންބޮޑުވުންތަކަށް ލުއި ލިބިގެނެއް ނުދާނެއެވެ. އުދާސްތަކަށް ތަސައްލީއެއް ލިބިގެނެއް ނުދާނެއެވެ. އަދި އުސޫލެއްގެ ގޮތުން، ބަޔަށް ޕޮޒިޓިވް ވާމީހުންގެ އަދަދު މަތިވަމުން ދާނަމަ، ފިޔަވަޅުތައް ވާންވާނީ ހަރުދަނާއެެވެ. ނުވަތަ އެހެން އިބާރާތަކުން ދަންނަވާ ނަމަ ހަރުކަށްޓެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި އަމަލް ކުރަމުންދާ އުސޫލުތައްވެސް ފެންނާން ހުރީ މިބީދައިން ހުރި ތަނެވެ.

އެހެންނަމަވެސް، ބައްޔާއި ދެކޮޅަ ކުރެވެމުންދާ މަސައްކަތުގައި މިހާތަނަށް އާދެވުނު އިރު، މިއަދު މިފެންނަނީ މިނޫން އުސޫލަކުން، ފިޔަވަޅުތަކަށް ލުއި ދެވެން ފެށިތަނެވެ. ކުރިޔަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބެވެ. އުސޫލުތަކަށް ވަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާމް ޖެހޭކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *