މިނިސްޓަރ އޮފް ހައުސިންގް އެންޑް އާރބަން ޑިވެލޮޕްމަންޓުގެ މަގާމުގައި ހުންނެވިއިރު މިނިސްޓަރ އާތިފާ ކުރެއްވި ޚިދުމަތާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެކި ފަހަރުމަތީން ދެއްކެވި ވަހަތަކަށް އެމްއާރުއެމްއިން ހޫނު ރައްދެއް ދީފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޢާޠިފާ ޝަކޫރު އަކީ 2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. ޢާތިފާ އަކީ ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު، ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖުރިބާހުރި، ހީވާގި ބޭފުޅެއްކަމަށް ބުނެފައިވެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރަކަށް އެކަމަނާ ޢައްޔަން ކުރެއްވުމުން، މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް، ނުފޫޒުން އެއްކިބާވެ ހުންނަވައިގެން، ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވި ބޭފުޅެއްކަމަށް ބަޔާނުގައިވެއެވެ.
ނޮވެމްބަރ 2018 ގައި މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން މިހިންގާ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ ސީދާ ބެއްލެވުމުގެ ދަށުން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ގެންނަވާފައި. ޒަމާންތަކެއް ވަންދެން ނުހެދި ހުރި، ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި، އެއްމެދު އިމާރާތްތަކާ ބެހޭ ގާނޫނުގެ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވާފައިވޭ. އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވި.
– އެމްއާރުއެމް ބަޔާނުގައިވެއެވެ.
މީގެއިތުރުން، ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓު ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ޙިޔާލު ހޯއްދެވިކަންވެސް އެމްއާރުއެމްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ރައްޔިތުންނަށް ފްލެޓް ދިނުމުށް އެކުލަވާލި ކޮމިޓީއަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ކޮމިޓީއަކަށްވާއިރު، ކޮމިޓީގެ މަސައްކަތް ތަކުގައި ވެސް އެކަމަނާ އިޙުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވިކަމީ މިސަރުކާރުގެ އެންމެ އިސް ބޭފުޅުން ދަންނާނެ ހަޤީޤަތެއްކަމަށް ބުނެފައިވެއެވެ.
މިނިސްޓަރު ޢާޠިފާ ގެ މިޖާޒުފުޅުގައި ހުންނަ އޯގާތެރިކަމާއި މީހުންނާ ބަހައްޓަވައި ގާތްކަން އެކަމަނާ ވަޒީރުކަމުގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވި އިރު ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔައިރު، ގެދޮރުގެ ދަތިކަން ތަޙައްމަލު ކުރަމުން ގެންދާ ވަކިވަކި ފަރުދުންނާއި ރައްރަށުގެ ކައުންސިލް ތަކުން އެކަމަނާގެ އަރިހަށް ހުށަހެޅުމުންދިޔަ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދެވިކަމަށްވެސް އެމްއސާރުއެމް އިން ބުނެފައިވެއެވެ.
ފޯނުންގުޅާ ފަރާތްތަކަށް ވަގުތުން ޖަވާބު ނުދެވުނު ނަމަވެސް ފަހުން އެފަރާތްތަކާ ގުޅުއްވުމަކީ އެކަމަނާ އާދަވެގެން ކުރެއްވި ކަމެއް. މިއީވެސް އެމް.އާރް.އެމް އާއި މިހާރުގެ ސަރުކާރުން އެކަމަނާއަށް ތާރީފުކޮށް، ޝުކުރުވެރިކަމާއެކު ފާހަގަކުރި ކަމެއް.
– އެމްއާރުއެމް ބަޔާނުގައިވެއެވެ.
އެމްއާރުއެމްއިން ބުނެފައިވަނީ ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ އިސްބޭފުޅުން އިތުރުފުޅު ހައްދަވައިގެން ވާހަކަފުޅުދެއްކެވުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ. އަދި ހަމަ އެހެންމެ، އެމްއާރުއެމްގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މެނިފެސްޓޯގައި ވާ ކަންކަން އިޙްލާޞްތެރި ކަމާއެކު ތަންފީޒު ކުރުމަށް ކަމަށާއި، އަދި ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން، އެމް.އާރް.އެމް އިން ވަނީ ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ