ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި އިދިކޮޅު ސިޔާސީ ހަރަކާތްތަތަކާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ކޮށްފައިވާ ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
މިމައްސަލައިގެ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ހެކި ހުށަހެޅުމުވެ. ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ އަބްދުއްރަހީމް ހަޑިހުތުރު ބަސް ބޭނުންކުރިކަމަށް ބުނާ އޯޑިއޯއާއި، ވީޑިއޯއެވެ. ދައުލަތުން ހުށަހެޅި ހެކިތަކައި ގުޅިގެން އަބްދުއްރަހީމްގެ ވަކީލުންވަނީ މިއީ ދައުލަތަށް އުފުލިގެންވެސް ވާނެ ދައުވާއެއް ނޫންކަމަށްބުނެ ދައުވާއަސް އިންކާރު ކޮށްފައެވެ.
މިމައްސަލާގައި އަބްދުއްރަހީމްގެ ވަކީލުންވަނީ ހުށަހެޅިފައިވާ ހެކިތަކަށްވެސް އިންކާރުކޮށްފައެވެ. އަދި މިއީ އާންމު އިންޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަދި ޖިނާއީ އިޖުރާތު ޤާނޫނާއި ޚިލާފު ދައުވާއެއްކަމަށް ބުނެފައެވެ. މިއަދުގެ ޝަރީއަތް ނިންމާލާފައިވަނީ ދެން އަންނަ އަޑު އެހުމުގައި ހެކިތައް ބަލައިގަތުމާއިމެދު ގޮތެއް ނިންމުމަށް އަންނަ މަހުގެ 10 ވަނަ ދުވަހު ޝަރީއަތެއް ބާއްވާނެކަމަށް އިއުލާނު ކުރަމުންނެވެ.
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅަައިފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށެވެ. އެމާއްދާގައި ވަނީ އާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުމުގެ ކުށްތަކެވެ. އެގޮތުން އެމާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުރުމުގެ ކުށެވެ. އެއީ ޖުނަޙްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.
އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.
އެދުވަހު ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
ކޮމެންޓު ފޮނުވާ