ސްކޫލަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލަށް އެޗްއާރުސީއެމްގެ 7 އިސްލާހެއް

ސްކޫލަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލަށް އެޗްއާރުސީއެމްގެ 7 އިސްލާހެއް

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2021 01:01
0

ސްކޫލަށް ދަރިވަރުން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި އަމަލުކުރާ އުސޫލަށް އެޗްއާރުސީއެމް އިން 7 އިސްލާހެއް ހުށަހަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2021ވަނަ އަހަރު އަމަލުކުރާނެ އުސޫލަށް، މި ކޮމިޝަނުން 7 އިސްލާހެއް ހުށަހަޅައިފައިވަނީ އިންސާނީ ހައްޤުތަކުގެ ނަޒަރުން މި އުސޫލު ރިވިއުކުރުމަށް ކަމަށް އެކޮމިޝަނުން ބުނެއެވެ.

މި އިސްލާހުތަކުގެ ތެރޭގައި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، ސްކޫލަށް ފޮނުވުމަށް އިހުމާލުވާ ބެލެނެވެރިން ފާހަގަކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވާލުމަށް ވަނީ ހުށަހަޅާފައެވެ. އަދި ސިއްޙީ ހާލަތެއް ނުވަތަ އެނޫންވެސް ހާލަތަކާގުޅިގެން ސްކޫލަށް ހާޒިރުނުވެވޭ ކުދިންނަށް ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

ގްރޭޑް 1 އަށް ވައްދާ ކުދިންގެ ތެރެއިން ފައުންޑޭޝަން ސްޓޭޖް ފުރިހަމަ ކޮށްފައި ނުވާ ކުދިން ފާހަގަކޮށް އެކުދިންގެ ފެންވަރު ބެލުމަށްފަހު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ ދަށުން އުނގެނުމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ތަފާތު ކުރުމެއްނެތި ފުރުސަތު ދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ސަރުކާރު ސްކޫލުތަކުގައި ތަޢުލީމު އުނގެނެވޭނެ ހަމަހަމަ ފުރުސަތު ހަމަޖެއްސުމާއި، މި އުސޫލުގެ ދަށުން ޝަކުވާ ހުށަހެޅޭނެ އަދި ޝަކުވާ ބެލޭނެ ނިޒާމާގުޅޭ މާއްދާއެއް އުސޫލުގައި ހިމެނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.