އަތޮޅު ކޮމްޕްލެއިންސް ބިއުރޯތައް ޤާއިމްކޮށްފި

އަތޮޅު ކޮމްޕްލެއިންސް ބިއުރޯތައް ޤާއިމްކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2021 11:25
0

މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް، އަތޮޅު ކޮމްޕްލެއިން ބިއުރޯ ޤާއިމްކޮށްފިއެވެ.

ކޮމްޕްލެއިންސް ބިއުރޯ ގާއިމްވުމުން އަތޮޅުތަކުގައި އިލެކްޝަން އާއި ގުޅިގެން ހުންނަ މައްސަލަތަކަށް ހައްލު ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިލެކްޝަނުން ބުނެއެވެ. އަތޮޅު އިލެކްޝަން ބިއުރޯއާއިއެކު އެއަތޮޅެއްގެ ރަށްތަކުގައި އިންތިޚާބާއި ގުޅިގެން ދިމާވާ ހުރިހާ ޝަކުވާވާއެއް އެބިއުރޯއަކަށް ހުށަހެޅުމަށްފަހު، އަތޮޅު ބިއުރޯއިން މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށެވެ. އަދި އަތޮޅު ބިއުރޯއިން ހައްލު ނުކުރެވޭ ޝަކުވާތައް މާލޭގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ހައްލު ކުރެވިގެންދާނެކަމަށް އިލެކްޝަނުން ބުނެއެވެ.

އަތޮޅު ކޮމްޕްލެއިންސް ބިއުރޯގައި ތިން މެމްބަރުން ތިއްބަވާނެއެވެ. ކޮންމެ އަތޮޅެއްގައި ކޮމްޕްލެއިްނ ބިއުރޯ ގާއިމް ކުރުމުގެ އިތުރުން މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީތަކެއްގައިވެސް ސިޓީ ކޮމްޕްލެއިންސް ބިއުރޯ ގާއިމް ކުރެވިގެންދާނެކަމަށެވެ. މާލޭގައި ޝަކުވާ ހުށަހަޅާނަމަ ނޭޝަނަލް ކޮމްޕްލެއިން ބިއުރޯއަށް ހުށަހެޅޭނެކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

ކޮމްޕްލެއިން ބިއުރޯތަކަށް ޝަކުވާ ހުށަހަޅާނީ އެކަމަށް ޚާއްސަ ކުރެވި ފޯމު މެދުވެރިކޮށް ކަމަށް އިލެކްޝަނުން ބުނެއެވެ. އިލެކްޝަނުން މިއަދު ހުރިހާ ސަރަހައްދެއްގައި ކޮމްޕްލެއިންސް ބިއުރޯ ގާއިމްކޮށްފައިވާއިރު އިއްޔެ ވަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފައެވެ.

މިމަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއަށް އިލެކްޝަނުން ވަމުންދާއިރު، މިފެށޭ ހަފްތަގައި ވޯޓު ކަރުދާސްތައް ރަށްތަކަށް ފޮނުވުމަށް މަސައްކަތް ފަށާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. ވޯޓާސް ލިސްޓްގައި ސޮއިކުރަން ހަމަޖެހިފައިވަނީ އިއްޔެ އިން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެވެސް ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.