ހުރިހާ ބާރެއް ދިނުމުންވެސް، ރައްޔިތުނަށް ތަސައްލީއެއް ނުލިބުނު، އަޅުގަނޑު މިނިކުތީ ނަތީޖާ ނެރެން

ހުރިހާ ބާރެއް ދިނުމުންވެސް، ރައްޔިތުނަށް ތަސައްލީއެއް ނުލިބުނު، އަޅުގަނޑު މިނިކުތީ ނަތީޖާ ނެރެން

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2021 08:45
0

ރައްޔިތުން މިއަދު ވެރިކަން ކުރާ ފަރާތަށް ހުރިހާ ބާރެއް ދިނުމުންވެސް ރައްޔިތުންގެ ހުުރި މައްސަލަތަކަށް ލިބުނު އެއްވެސް ހައްލެއް ނެތްކަމަށާއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކައުންސިލް އިންތިޚާބަށް ނިކުންނަކީ ނަތީޖާ ނެރެ ރައްޔިތުންގެ ކަންކަން ހައްލު ކޮށް ދިނުމަށް ކަމުގައި މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ނުވަ ދުވަހަކީ ގައުމުގެ މުސްތަގުބަލް ކަނޑައެޅުމުގައި ގޮތެއް ނިންމަން އޮތް މަދު ދުވަސްތަކެއްކަމަށެވެ. މިމަހުގެ 10 ވަނަ ދުވަހު ދިވެހިން ނިންމާ ނިންމުމަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއިމެދު ގޮތެއް ނިންމާ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޯވިޑް-19 އާއިގުޅިގެން އަޅަމުންދިޔަ ފިޔަވަޅުތަކާއިއެކު މާލޭގެ އެތައް އާއިލާއެއް ނިކަމެތިވެ ބިކަހާލުގައި ޖެހިފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭގެ އެތައް އާއިލާއެއް މިއަދުވެސް ކަރަންޓާއި، ފެންބިލް ނުދެއްކި ސަލާންޖަހަމުންދާއިރު، އެއާއިލާތަކަށް އެހޭތެރިކަމެއް ދިއްކޮށްލާނެ ބަޔަކު ނެތްކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިއަދު އެރައްޔިތުން ދިރިއުޅެމުންދަނީ ކުޑަކުޑަ ތަންތަން ކޮޅުގައި ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، މިކަންކަން ބަދަލު ކުރުމަށް ރައްޔިތުން ހުރިހާ ބާރެއް ދިން ނަމަވެސް ސަރުކާރަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭތަނެއް ނުފެންނަ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ފިޔަވަޅު އަޅަންފެށި ހިސާބުން މާލޭގެ އެތައްރައްޔިޔުން ތިބީ ވަރަށް ހާލުގައި. ކަރަންޓު ބިލް، ފެންބިލް، ނުދެއްކި އާއިލާތައް ތިބީ ވަރަށް ނިކަމެތި ހާލުގައި. އާދޭސްކޮށްގެންވެސް އެއްވެސް ހައްލެއްނުލިބޭ. ވަރަށް ހާލުގައި ދިރިއުޅެމުންދަނީ. ސަރުކާރަށް ކަންކަން ރަނގަޅު ކުރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއްނެތް، ހުރިހާ ބާރެއް އެބައޮތް. މާލޭގެ ރައްޔިތުންނަށް ލިބުނު ތަސައްލީއެއްނެތް.

– މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގައި ކުރެވިފައިވަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކުގައި އެންމެބޮޑު ހިއްސާއެއް އޮތް ޑރ.މުއިއްޒު ވިދާޅުވީ ރައްޔިތުން ވޯޓު ދޭއިރު ވިސްނަންވީ ތިމާ ނިސްބަތްވާ ޕަޓީއަށް ނުވަތަ ފިކުރަކަށް ނޫންކަމަށެވެ. ބަލަންވީ ރައްޔިތުންގެ ހައްގުގައި ކަންކަން ކޮށްދެވޭ އިހުލާސްތެރި ނިޔަތެއްގައި ތިބީ ކޮންބައެއްތޯއެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ގޮތް ނިންމާއިރު ރައްޔިތުންގެ ފަޅީގައި ތިބޭނީ ކޮންބައެއްތޯ އަބަދުވެސް ރައްޔިތުން ވިސްނަން ޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުން މިއަދުވެސް އަދި އިއްޔެވެސް އެންމެބޮޑު ޝަކުވާއަކަށް ވެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް މިކަމުގައި ދީފައިވަނީ ބީރު ކަންފަތެއްކަމަށެވެ. މާލޭގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ ގުޅީފަޅުގައި ބޯހިޔާވަހިކަމަށް ހާއްސަކުރުމަށް ކަމަށްވާއިރު، އެކަމަށް ބީރުކަންފަތެއް ދިންކަމީ މާލޭގެ ރައްޔިތުންގެ އަޑު މިސަރުކާރުން ނާހާކަމުގެ މިސާލެއްކަމަށެވެ. އަދި އޭނާ މޭޔަރުކަމަށް ރައްޔިތުން އިންތިޚާބު ކޮށްފިނަމަ އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ގުޅީފަޅު މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަ ކުރުމުގެ މަސައްކަތް ކަމުގައި ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hussain Iburahim
Kudhumuthaarukan Raiyyathunbeynumehnuvaane