ހުރާއިން 104، ނައިފަރުން 72 މީހަކު ޕޮޒިޓިވްވެ، ނުރައްކާ ބޮޑުވަނީ

ހުރާއިން 104، ނައިފަރުން 72 މީހަކު ޕޮޒިޓިވްވެ، ނުރައްކާ ބޮޑުވަނީ

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 10:22
0

ކޯވިޑް-19 އަށް މިހާތަނަށް ކ.ހުރާ އިން 104 މީހަކު އަދި ޅ.ނައިފަރުން 72 މީހަކު ޕޮޒިޓިވްވެ ދެރަށުގެ ހާލަތު ވަރަށް ނުރައްކާތެރި ހާލަތަަކަށް ގޮސްފިއެވެ.

ހުރާ ސިއްހީ މަރުކަަޒުން ބުނީ އެ ރަށުން މިހާތަނަށް 104 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދުވެސް 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް އެ ރަށުން 515 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި 289 މީހެއްގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ 122 ސާމްޕަލެއްވެއެވެ. އެހެން ކަމުން ހުރާގެ ޕޮޒިޓިވް ނަންބަރު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ޅ. އަތޮޅު ނައިފަރުން އިތުރު 29 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 72 އަށް ވަނީ އަރާފައެވެ. އެރަށު ހޮސްޕިޓަލުން މިއަދު މެންދުރު 18:00 އާ ހަމައަށް ނެރުނު އަދާހަމަތަކަށް ބަލާއިރު، މި މަހުގެ 29 ދުވަހުގެ ނިޔަލަށް އެރަށުން ޖުމްލަ 72 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

ކޯވިޑް-19އިން ރައްކައުތެރިވުމަށް ފާދިއްޕޮޅު ނައިފަރާއި މާލެއަތޮޅު ހުރާގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ(އެޗްޕިއޭ)އިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިންވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، 7 ދުވަހުގެ މުއްދަތަށް، ނައިފަރާއި ހުރާގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އަންގަވާފައެވެ.

ނައިފަރާއި ހުރާގައި އަޅަން އަންގަވާފައިވާ ފިޔަވަޅުތައް:

  • ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި ޢާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން
  • އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން، މަގުމައްޗާއި ޢާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން
  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން ( މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނޭ)
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
  • ފިހާރާތަކާއި ބޭންކުތައް ފަދަ، އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، އެޗްޕީއޭއިން އާމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން
  • ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން
  • ޓޭކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން

މީގެ ތެރެއިން ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި ޢާންމު ތަންތަނަށް ނުކުމެ އުޅުން އިސްތިސްނާވާނީ، ސިފައިންނާއި ފުލުހުންގެ އިތުރުން ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލާންސްއާއި ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދާންޖެހޭ ފަރާތްތައްކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އެފަރާތުން އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެކަމަށާ، މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ.

އަދި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުވަނީ އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.