ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް އެކްޓަރު ޖުމައްޔިލް ނިމާލްއަށް ތުހުމަތުކޮށް ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޖުމައްޔިލްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގެ އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އުފުލައި، އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ އަލުން ކްރުމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ޖުމައްޔިލް އާ ގުޅޭ ޖިންސީ މައްސަލައަކީ، އޭނާގެ ދެބައިންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެކެވެ.
އަންހެނަކު ވަނީ އޭނާގެ އުމުރުން 17 އަހަރުގައި ދެބެންގެ ދެ ދަރި ބޭބެ ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ ޓްވިޓާގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި 2016 ވަނަ އަހަރުގެ ޑިސެމްބަރުގައި ލިބުނު އެ އަނިޔާ އަށް އިންސާފު ނުލިބުނީ ޕީޖީ އޮފީހަށް މައްސަލަ ދިޔަ ހިސާބުން، ބާރުގަދަ ބަޔަކު މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން އެ ކަންތައް އޮއްބާލުމުންނެވެ. އޭރު ޕީޖީގެ މަގާމްގައި ހުންނެވީ އައިޝަތު ބިޝާމްއެވެ.
މި ސަރުކާރު އައި ފަހުން އެ މަގާމާ ހުސެއިމް ޝަމީމް ހަވާލުވެ އެ މައްސަލަ އަލުން ބަލަން ނިންމައި މިހާރު ވަނީ ދައުވާ ކުރަން ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ