Ad
ޤައުމު އަޅުވެތި ކުރުމަށްވުރެ، މުޖުތަމައުގެ އިޖުތިމާއީ އަޚުލާޤީ ވަބާ މާބޮޑު: ހޯމް މިނިސްޓަރ

ޤައުމު އަޅުވެތި ކުރުމަށްވުރެ، މުޖުތަމައުގެ އިޖުތިމާއީ އަޚުލާޤީ ވަބާ މާބޮޑު: ހޯމް މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2020 10:22
0

ދިވެހި ޤައުމިއްޔަތަށް މިއަދު ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުން ތަކަކީ މަސްތުވާތަކެއްޗާއި، ޖިންސީ ފުރައްސާރައާއި، އިސްލާމް ދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އިތުރުވަމުން ދިއުން ކަމުގައި ހޯމް މިނސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ދިވެހި ޤައުމިއްޔަތަށް މިއަދު މިޒަމާނުގައި ދެމާވެފައިވާ ބޮޑެތި ގޮންޖެހުން ތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާކަމަށެވެ. ހަމައެހެންމެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށީގަ އާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރައިގެ އިތުރުން އިސްލާމްދީނަށް ތައުހީނުކޮށް އިސްލާމް ދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އިތުރުވަމުން ދިއުންކަމަށެވެ.

ދުރުން ބޭރުން އަރާގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ޤައުމީ ޒިންމާއެއްކަމުގައި ޤަބޫލުކޮށްގެން އެމަގަމަށް މަސައްކަތް ކޮށްދެއްވުމަށް.

– ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ އިމްރާން ވިދާޅުވީ ވަރަށް ގިނަފަހަރަށް އަޅުގަނޑުމެންގެ ތެރޭގައި ފޮރުވިފައިވާ އަޅުގަނޑުމެގެ ދުޝްމަނުން އަޅުގަނޑުމެންގެ ވިސްނުމުގެ ރާޑަރަށް ގެއްލިގެންދާކަމަށެވެ. މިޒަމާނުގައި ދުނިޔެ ބަވަނަވެ ލާމެހިފައިވާ މިންވަރާއި، ދުނިޔޭގެ ހާލަތު އަންދާޒާކުރެވޭ ވަރަށްވުރެ ބާރުމިނުގައި ބަދަލުވަމުން އަންނަ އައުމާއި އަދި ދުނިޔޭގެ ޤައުމެއްގެ ގޮތުން މިޒަމާނުގައި ދީނަށާއި މިނިވަންކަމަށާއި ޤައުމިއްޔަތަށް ކުރިމަތިމިވާ ގޮންޖެހުންތަކާއި ނުރައްކާތައް އިހުނާ އަޅާބަލާއިރު ވަރަށް ތަފާތުކަމަށެވެ. އަދި މި އާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އާވިސްނުންތަކެއް އާ ޚިޔާލުތަކަކާއި އާ ވިސްނުންތަކެއް ނެރުން ލާޒިމު ވެއްޖެކަމުގައެވެ.

ވަރަށް ގިނަފަހަރަށް އަޅުގަނޑުމެންގެ ގާތުގައި އަޅުގަނޑުމެންގެ ތެރޭގައި ފޮރުވިފައިވާ އަޅުގަނޑުމެގެ ދުޝްމަނުން އަޅުގަނޑުމެންގެ ވިސްނުމުގެ ރާޑަރަށް ގެއްލިގެންދޭ.

– ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިއަދު އަނެއްކާވެސް އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަމަކީ އިގްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި ސިޔާސީ މައިދާނުގައި ކުރިމަތިވަމުންއަންނަ ގޮންޖެހުންތަކާއި ބަވަނަވަމުންދާ ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ފޯރަމުން ދިއުމާއެކުވެސް ދިވެހީންގެ އެއްބައިވަންތަކާއި އެކުވެރިކަމާއި އަޅާލުމާއި އޯގާތެރިކާމާއި މެހެމާންދާރީ އަދާކުރުމުގެ މަތިވެރި ސިފަތައް ބީވެގެން ދިޔަނުދީ ދެމެހެއްޓުމަށް ކަމުގައި ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ކަމުގައި އަބަދުވެސް ޤަބޫލުކުރަމުން އަންނަ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި ދިވެހި ސަޤާފަތާއި ދިވެހިންގެ ޒަމާންވީ ތަރިކައާއި ދިވެހި ޙަޟާރަތު ހިމާޔަތްކޮށް މިނިވަން މުސްތަޤިއްލު ބައެއްގެ ގޮތުގައި ރާއްޖެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކަމުގައެވެ.

މިއަދު ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް ދިވެހި ޤައުމިއްޔަތާއި މިނިވަން ކަން ރައްކާތެރިކޮށް ދިވެހިން އެދޭ ދިވެހިންނަށް ޙައްޤުވާ ދިރިއުޅުން ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުންގެންދަވާ މަސައްކަތް ޕުޅަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލް ރައްކާތެރިކޮށް، އިޤްތިސާދު އާރާސްތުކޮށް، ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ޝަރަފާއި އިހުތިރާމް ލިބިގެންވާ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރައްވާ މަސައްކަތްޕުޅު މިނިސްޓަރ އިރަންވަނީ ފާހަނގަކޮށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.