ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ޖަލްސާގެ މުޅި އަމާޒު މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާ އިދިކޮޅު ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ބޮޑެތި ފާޑުކިޔުން އަމާޒުކޮށްފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ކުރެވުނު ބަހުސްގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންވަނީ ރިޕޯޓަށް ބަހުސް ކުރުމުގެ ބަދަލުގައި ލިބުނު ފުރުސަތުގައި މުއިއްޒުއަށް އެންޓި ކެމްޕެއިން ކުރުމަށް ވަގުތު ބޭނުންކޮށްފައެވެ.
ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲއާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއާއި، މާލެއަށް ނިސްބަތްވާ ގިނަ މެމްބަރުންވަނީ މުއިއްޒުއަށް ބޮޑެތި ފާޑުކިޔުންތައް އަމަޒުކޮށްފައެވެ. މިމައްސަލާގައި ވާހަކަ ދައްކަވަމުން މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ޕީޕީއެމްއަށް ނިސްބަތްވާ މީހުން ފްލެޓޭ ކިޔައިގެން ލަދު ގަންނަން ޖެހޭނެކަމަށެވެ.
ކޮންމެ ދުވަހަކު މާލޭ މަގުމަތީގައި މުޒާހަރާކޮށް، ފްލެޓް ހޯދުމަށް މުޒާހަރާ ކުރަމުންދާއިރު، އަޅާފައިވާ ފްލެޓްތަކުންވެސް ކޮށްފައިވަނީ ވައްކަން ކަމަށްބުނެ ފަލާހު ވަނީ ފާޑުކިޔާފައެވެ. އަދި ފްލެޓްތައް ދިނުމުގައި އެތައް އޮޅުވާލުމެއް އޮޅުވާލީ އޭރުގެ ހައުސިން މިނިސްޓަރ މުއިއްޒު އިސްކޮށް ހުންވައިގެންކަމަށް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީ މުޅި އެމްޑީޕީ މުއިއްޒު ފަހަތުން އުޅެނީ ނަތީޖާ ނަރެދެއްވާފައިވާ މީހަކަށް ވުމުންކަމަށެވެ. މުއިއްޒުއަކީ މާލެ ސިޓީއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްޤީގެ އެންމެބޮޑު ހިއްސާއެއް އޮތް ބޭފުޅާކަމަށް ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފާއިތުވެދިޔަ ދިގު ތާރީހުގައި ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު މާލެ ސިޓީގެ ރައްޔިތުންނަށްޓަކައި ކޮށްނުދެެއްވާ ކަންކަން ރައީސް ޔާމީން ކޮށްދެއްވާފައިވާކަމަށެވެ. އެމަނިކުފާނު ނޫނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ފްލެޓް އެޅުންވި ވެރިޔަކު ނެތްކަމަށް ސައީދު ވިދާޅުވިއެވެ.
މާލޭގައި އެމްޑީޕީ ކައުންސިލެއް އޮންނަތާ 11 އަހަރު، އެޅުނު ފުލެޓެއް، ކޮށްދެވުނު ކަމެއްނެތް: ސައީދު
މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީ މެމްބަރުން ވަނީ ވަރަށް އާދޭހާއާއިއެކު މާލޭ ރައްޔިތުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ދަންނަވާފައެވެ. މާލޭގެ ރައްޔިތުންނަކީ ހެވާ ނުބައި ރަނގަޅަށް އެގޭ ބަޔަކަށްވާނެކަމަށް އުންމީދު ކުރާކަމަށްބުނެ ބައެއް މެމްބަރުން ވަނީ ވަރަށް އާދޭހާއިއެކު އެމްޑީޕީއަށް ވޯޓު ދިނުމަށް ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ