ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގުނު އެންމެ ޚިޔާނާތް ކަމުގައިވާ މޯލްޑިވްސް މަކެޓިން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ މައްސަލަ ބެލުމުގައި މަޖިލީހުން ކުރަންޖެހުނު ކަމެއް ހުއްޓުމެއް ނެތި ކުރަމުންދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ދައުލަތުންނާއި، އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބޭފުޅުން ދައުލަތުން ގެއްލުނު އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ގެއްލިގެންދިޔަހާ ފައިސާ ހޯދަން އެއްވެސް ކަމެއް ކުރައްވާތަން ނުފެންނަ ކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ހަސަން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި އިންތިހާއަށް ކަންބޮޑުވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަޖިލިސް ތެރެއިން އެމްޑީޕީގެ މެމްބަރުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަމުންދާކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރަންޖެހޭ ކޮންމެ ކަމެއް މަޖިލިސް ތެރެއިން ކުރާނެކަމަަށް ހަސަން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހާއި، އެމްޑީޕީގެ މެމްބަރުން ހަނދާނެއް ނުނެތޭ، ނުވެސް ނެތޭނެ. ރައްޔިތުންގެ މަޖިލީހުން ކުރެވެން ހުރި ކަންކަން އިރާދާކުރެއްވިއްޔާ ކުރަމުން ގެންދާނަން. ކަންބޮޑުވެސްވޭ. ކަންބޮޑުވީމާ ކުރަން އޮތް ކަމަކީ ގަދަ އަޅާ މަސައްކުރުން. އެކަމުގައި ފަހަތަށް ނުޖެހޭނަން.
– ހަސަން ލަތީފް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެންމެ ބޮޑު އައިބަކަށް މިއަދު ފެންނަނީ ދައުލަތުން އެއްތަ މިލިޔަނުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާތީކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަށް ކުރައްވާ މަސައްކަތެއް އަދި މިހާތަނަށް އޭގެ އެންމެ ފައިސާ ފޮއްޗެއްވެސް ދައުލަތަކަށް ހޯދިފައި ނުވާކަމީ މަބޮޑަށް ކަންބޮޑުވާކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑަށް އައިބު ކަމަކަށްވަނީ ތިޔައްވުރެއް މާބޮޑު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަތީން ހަނދާން ނެތެމުންދާތީ. އެ މާސިންގާ ޚިޔާނާތުގެ އެންމެ ލޯ ލާރިއެއްވެސް އަނބުރާ ހޯދިފައިނުވާތީ. އަދި އެކަމާއި ރައްޔިތުންގެ މަންދޫބުން އެއްގޮތަކަށްވެސް ކަންބޮޑުވެ ވަޑައިގެން އުޅުއްވާތަން ނުފެންނާތީ.
– މުއިއްޒު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށްވެސް ރައީސް ނަޝީދަށް އެކަން ކުރެއްވިފައި ނުވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގައި ހުކުމްކުރެވިފައިވަނީ ހަމައެކަނި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ