ކުރިއަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުގެ ތެރެއިން، ކުރަންޖެހޭ ކޮންމެ ކަމެއްކޮށްގެންވެސް މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ލ.މާވަށުގައި ވާހަކަ ދައްކަވަމުން ވިސާމް ވަނީ ވަރަށް ބޮޑަށް ކޯފާއިސް ކުރައްވައި އެދާއިރާގެ މެމްބަރު ސައީދަށް ހޫނު ރައްދު ތަކެއް ދެއްވާފައެވެ. އިންތިޚާބުގައި ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމުގެ ބަދަލުގައި ވިސާމްގެ މުޅިވާހަކަ ބައްޓަން ކުރެއްވީ ސައީދަށް ރައްދު ދެއްވުމަށެވެ.
ވިސާމް ވިދާޅުވެފައިވަނީ ސައީދަށް އެދާއިރާ ތަރައްޤީ ނުކުރެވޭނެކަމަށެވެ. އެކަން ކުރާނީ މިސަރުކާރުންކަމަށެވެ. އަދި މި އިންތިޚާބަކީ އެކަން ކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތުކަން ފާހަގަކޮށް އޭނާ ވަނީ މިއިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުުރުމަށްޓަކައި ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށް ވިދާޅުވެފައެވެ. ވިސާމްގެ ވާހަކައިން އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރައްވާނޭކަމުގެ އިޝާރާތެއް ވަނީ ދެއްވާފައެވެ. ކައުންސިލް އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ބައެއް މެމްބަރުންވަނީ މި އިންތިޚާބު ކާމިޔާބް ކުރުމަށް ސަރުކާރުގެ ނުފޫޒު ބޭނުން ކުރާނެކަމަށް ވިދާޅުވަމުންނެވެ.
ވިސާމްގެ ވާހަކައާއި ގުޅިގެން މާވަށުގެ ޕީޕީއެމްއަށް ތާއީދުކުރާ މެމްބަރުންވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. އެގޮތުން މާވަށު ރައްޔިތުން ބުނެފައިވަނީ އެދާއިރާގެ އެންމެ ގޮޑިއެއްވެސް އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ