ނައިފަރުގެ ހާލަތަކާއިމެދު ޝިޔާމްގެ ކަންބޮޑުވުން އިންތިހާއަށް

ނައިފަރުގެ ހާލަތަކާއިމެދު ޝިޔާމްގެ ކަންބޮޑުވުން އިންތިހާއަށް

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 09:37
0

ނައިފަރުގެ ކޯވިޑްގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވެ، ހާލަތުން އަރައިގަތުމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެއްވާތީ އެދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައިފިއެވެ.

ޝިޔާމް މިރޭ ވަނީ ރަށުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް އެކަންކަން ހައްލުކޮށް ދިނުމަށްއެދި ހުރި ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ ނައިފަރަކީ ވަރަށް ބޮޑަށް ތޮއްޖެހިގެން ޢާއިލާތައް ދިރިއުޅޭ ރަށަކަށްވާއިރު، އެޗް.ޕީ.އޭ އިން މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާ އާއްމު ގައިޑުލައިން އަކީ ނައިފަރުކަހަލަ ރަށަކަށް އެންމެ ރަނގަޅު ގައިޑްލައިންތޯ ވިސްނާލަންޖެހޭ ކަމަށެވެ.  ގެއަކުން ޕޮޒިޓިވް ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދާއިރު މިއޮންނަނީ މުޅި ހިސާބުގެ ގެތަކު މީހުން އައިސޮލޭޝަން އަށް ދާން ޖެހިފައިކަމަށެވެ.

ހުރިހާ ގެއެއް ޓޭޕްދަމާ މޮނިޓަރިންއަށްލަމުންދަނީ ގޭބިސީއެއްގައި 10-15 މީހުން ދިރިއުޅޭއިރު މިގޮތަށް ތޮއްޖެހިގެން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލާ ތިބެން ޖެހުމުން ދިމާވާމައްސަލަތައް ނުހަނު ގިނަކަމަށް ޝިޔާމް ވިދާޅުވިއެވެ. މުއައްސަސާތަކުގައި މަސައްކަތް ކުރައްވަން ތިއްބެވި ފަރާތްތަށް އެކަހެރިކޮށް އައިސޮލޭޝަންއަށް ދާން ޖެހޭ ހިސާބަށް ދިއުމަކީ މިހާރު ނަތީޖާތައް އަންނަގޮތުން ދުރުގައިވާކަމެއްނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މުޅިރަށް އެކީ ހުއްޓުމަކަށް އަތުވެދާނެ. މިވަގުތުވެސް އެންމެ މުހިއްމު މުޢައްސަސާތަކުގެ ގިނަ ޢަދަދެއްގެ ފަރާތްތަކެއް ވަނީ އައިސޮލޭޝަންގައި. ޅ.އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ވަޞީލަތް މިވަގުތު ނެތުމަކީވެސް މިޙާލަތު އިތުރަށް ނުތަނަވަސް ކުރުވާ ކަމެއް ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާ ނުލިބި އެތައް ދުވަހެއް އިންތިޒާރު ކުރަންޖެހުމަކީ ވަކިވަކިފަރުދުން އަދި މުޖުތަމަޢު ނަފްސާނީ ހާސްކަމުން ބަލިކަށިކޮށްލާ ކަމެއް އަދި ރަށުގެ ޙަޤީގީ ޙާލަތު ދެނެގަންނަން އޮތް ވަރަށްބޮޑު ގޮންޖެހުމެއް. އަޅުގަނޑު މިދަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގުޅާ ޙާލަތު ބަޔާންކޮށްދީ އަދި ޙާލަތު ބަދަލު ކުރުމަށް ރަނގަޅު އަވަސް މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދެމުން. އަދި މިނޭވާގައިވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ވީ އެންމެ އަވަސް އެންމެ ރަނގަޅު ފިޔަވަޅުތަކެއް މިކަމުގައި އަޅުއްވައިދެއްވަން.

– ޝިޔާމް ވިދާޅުވިއެވެ.

ހުރިހާގެއެއްގައި ޓޭޕް ދަމާ މޮނިޓަރިންނަށްލައި ރަށުގެ ރައްޔިތުން ގޭބަންދުކޮށް ރައްޔިތުން ބިރުވެކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ޙައްލެއްނޫންކަމުގައި ޝިޔާމް ވިދާޅުވިއެވެ. އަދި މިވަގުތު ނައިފަރަށް އެހީތެރިކަން އިންތިހާއަށް ބޭނުންވާކަމަށާއި، ކޯވިޑް ޓެސްޓު ކުރެވޭނޭ ވަސީލަތް ވަގުތުން ގާއިމްކޮށް، ސިއްޚީ އިތުރު މަސައްކަތްތެރިންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޯވިޑުގެ ބަލިމަޑުކަން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރައްވާ އެޢާއިލާތަކަށާއި ރަށުގެ ލޮބުވެތިރައްޔިތުންނަށް މިޙައްސާސް ދަނޑިވަޅުގައި ނައިފަރުގެ ދަރުމަވެރިންގެ ފަރާތުން ފެންނަނީ އާދަޔާ ޚިލާފް ޚިދުމަތްތެރި މަސައްކަތްތަކެއްކަން ޝިޔާމް ވަނީ ވިދާޅުވެފައެވެ. ޝިޔާމްވެސް މިވަގުތު ހުންނެވީ ކަރަންޓީނުގައި ކަމަށްވުމުން އޭނާއަށް ސީދާ މުވައްސަސާތަކަށް ގޮސް ކަންކަން ހައްލު ކުރުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ނަމަވެސް ޝިޔާމް ގެންދަވަނީ ގޭގައި ހުންނަވައިގެންވެސް ކަމާިއބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ކޮންމެ ދުވަހަކުވެސް ގެންނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.