ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ކުރާ މަސައްކަތަކީ ވޯޓާއި ދިމާކޮށް، ވޯޓު ހޯދަން ކުރާކަމެއް ނޫންކަމަށާއި، މިކަމަކީ ރައްޔިތުންގެ އަޑުއަހައި ހުށަހެޅޭ ކަންކަމުން ރައްޔިތުންނަށް ކޮށްދޭން މަސައްކަތް ކުރާ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައަކީ ވޯޓު ހޯދުމަށް ހުށަހެޅުނު މައްސަލައެއްކަމަށްބުނެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދެއްކެވި ވަހަކަތަކަށް ރައްދު ދެއްވައި ހަލީމް ވިދާޅުވީ އެމްޑީޕީން ސިޔާސީ މަންފާއަށްޓަކައި ކަމެއް ނުކުރާނެކަމަށެވެ. އަދި އަމުދުން ވޯޓު ހޯދުމަށް ކަންކަން ނުކުރާނެކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވޯޓު ހޯދުމަށް އެއްލަކިން ނަމުގައި ލައިސަންސް ނެގޭނެ ގޮތް ހަދައި ދުވަހަކުވެސް ވެހިކަލެއް ނުދުއްވާ ގޭގައި ތިއްބައި މީހުންނަށް ލައިސަންސް ލިބޭނެ ގޮތް ހެދުމުން އެތައް ގޮންޖެހުމެއް ކުރިމަތިވިކަމަށެވެ. އަދި މިއާއިއެކު އެތަކެއް އެކްސިޑެންޓެއް ހިނގަިއ ނުރައްކާތެރި ހާލަތަކަށް ދިޔަތަންވެސް އެދުވަހު ފެނުނުކަމަށެވެ. ރައީސް ޔާމީން ވެރިކަމުގައި މިކަން ސިޔާސީ ކުރިޔަސް މިސަރުކާރުން ލައިސަންސުގެ ކަންތައް ސިޔާސީ ކަމަކަށް ހަދައި ވޯޓު ހޯދަން ކުރާކަމަށް ނަހަދާނެކަމަށް ހަލީމް ވިދާޅުވިއެވެ.
އިންތިޚާބަކާއި ދިމާކޮށް ވޯޓު ހޯދަން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރަން. އެބޭފުޅުންނަށް އެހެން އެހީވަނީ އެބޭފުޅުންގެ ދައުރުގައި އިންތިޚާބާއި ދިމާކޮށް އެބަހުރި ކަންކަންކޮށް، އޭގެ ތެރެއިން އެއްލަކިން ލައިސަންސު ދިނުން ކިޔާފައި ރާސްލާފައި ލައިސަންސުތަކެއް ދެވުނު. އެދެވުނު ލައިސަންސުގެ ނަތީޖާއަކަށް ވެގެން ދިޔައީ ސުވަހަކުވެސް ދުއްވާ އެއްޗަކަށްނާރާ މީހަކަށް ގޭގައި ތިއްބައި ލައިސަންސު ލިބުނީމާ އެދުވަސްވަރު ވަރަސް ނުރައްކާތެރި އެކްސިޑެންޓު ހިގާފައިވޭ. އެއީ ވޯޓު ހޯދަން ކަންކަން ކުރުމުން ދިމާވާ މައްސަލަތައް.
– ހަލީމް ވިދާޅުވިއެވެ.
އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމްގެތެރެއިން 3289 މީހަކަށް ލައިސަންސް ލިބިފައިވާއިރު މި ޕްރޮގްރާމްގައި 9600 އަށްވުރެ ގިނަ ފަރާތުން ވަނީ ޓޯކަންނަގައި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. އަދި އޭރުގެ ސަރުކާރުން ބުނެފައިވަނީ އެއްލަކިން ލައިސަންސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ލައިސަންސް ނަގަން އޮންނަ އުޞޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އަލަށް ލައިސަންސް ނަގާ ފަރާތްތައް ތިއަރީ ޓެސްޓުވެސް ހަދަންޖެހޭނެ ކަމަށާއި އަދި ޕްރެކްޓިކަލް ބައިވެސް އެ ޕްރޮގްރާމުގައި ހިމެނިގެންދިޔަކަމަށެވެ.
ކޮމެންޓު ފޮނުވާ