މުއިއްޒު، ހަސަން އަށް: އެންމެބޮޑު އައިބަކީ އެމްއެމްޕީއާރުސީގެ ލޯލާރިއެއްވެސް ހޯދިފައިނުވުން

މުއިއްޒު، ހަސަން އަށް: އެންމެބޮޑު އައިބަކީ އެމްއެމްޕީއާރުސީގެ ލޯލާރިއެއްވެސް ހޯދިފައިނުވުން

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 08:57
0

ދައުލަތުންނާއި، އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބޭފުޅުން ދައުލަތުން ގެއްލުނު އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ގެއްލިގެންދިޔަހާ ފައިސާ ހޯދަން އެއްވެސް ކަމެއް ކުރައްވާތަން ނުފެންނަ ކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރި، ވެންޓިލޭޓަރުތައް ނުގެނެވިއްޖެނަމަ އެފައިސާ އަނބުރައި ހޯދަވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދައްކަވާފައިވާ ވާހަތަކާއި ގުޅުވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިފަދަ ވާހަތަ ދައްކަވާ ބޭފުޅުންގެ އައިބުކަމަށް ވަނީ އެފައިސާ އަނބުރާ ދައުލަތަށް ހޯދަން އުޅުންކަމަށެވެ.

ބައެއް ބޭފުޅުންނަށް ކުޑަކޮސްވެސް އައިބު ކަމެއް ނެތް ކޮންބައެއް ކަންވެސް ނޭގޭ ބަޔަކަށް ދައުލަތުން 31 މިލިޔަން ރުފިޔާ ދިނުން. އަދި އެބަޔަކު ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުން. އެބޭފުޅުންނަށް އައިބު ކަމަކަށްވަނީ މިވާހަކަ ދައްކައިގެން އެ ފައިސާ ދައުތުލަތަށް ހޯދަން އުޅޭ.

– ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަންގެ މިވާހަތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ އެންމެ ބޮޑު އައިބަކަށް މިއަދު ފެންނަނީ ދައުލަތުން އެއްތަ މިލިޔަނުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާތީކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަށް ކުރައްވާ މަސައްކަތެއް އަދި މިހާތަނަށް އޭގެ އެންމެ ފައިސާ ފޮއްޗެއްވެސް ދައުލަތަކަށް ހޯދިފައި ނުވާކަމީ މަބޮޑަށް ކަންބޮޑުވާކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑަށް އައިބު ކަމަކަށްވަނީ ތިޔައްވުރެއް މާބޮޑު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަތީން ހަނދާން ނެތެމުންދާތީ. އެ މާސިންގާ ޚިޔާނާތުގެ އެންމެ ލޯ ލާރިއެއްވެސް އަނބުރާ ހޯދިފައިނުވާތީ. އަދި އެކަމާއި ރައްޔިތުންގެ މަންދޫބުން އެއްގޮތަކަށްވެސް ކަންބޮޑުވެ ވަޑައިގެން އުޅުއްވާތަން ނުފެންނާތީ.

– މުއިއްޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށްވެސް ރައީސް ނަޝީދަށް އެކަން ކުރެއްވިފައި ނުވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގައި ހުކުމްކުރެވިފައިވަނީ ހަމައެކަނި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.