ކެފޭ ރެސްޓޯރެންޓުތަކުގެ ތެރެއިން އިންކަމް ސަޕޯޓް ލިބުނީ އެންމެ %2 އަށް: ސައީދު

ކެފޭ ރެސްޓޯރެންޓުތަކުގެ ތެރެއިން އިންކަމް ސަޕޯޓް ލިބުނީ އެންމެ %2 އަށް: ސައީދު

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 08:33
0

ކޯވިޑް-19 އާއި ގުޅިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ހިންގާ ފަރަތްތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދިން އިންކަމް ސަޕޯޓް ލިބުނީ މިވިޔަފާރީގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އެންމެ 2 އިންސައްތަ މީހުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދިނުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން، ރެސްޓޯރަންޓް އެސޯސިއޭޝަން އަދި ބައެއް ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ ބޭފުޅުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެބޭފުޅުން ވަނީ ގިނަ ކަންބޮޑުވުންތައް ކޮމިޓީއާއި ހިއްސާ ކުރައްވާފައެވެ.

ކޯވިޑާއި ފިޔަވަޅުތައް ހަރުކަށިކުރާ ކޮންމެ ފަހަރަކު އެންމެބޮޑު ގެއްލުމެއް ލިބިގެންދަނީ ރާއްޖޭގެ ރެސްޓޯރެންޓު ކެފޭ، ކެންޓީންގެ ވިޔަރީގައި ހަރަކާތްތެރިވާ މީހުންނަށް ކަމަށް އެމީހުން ވަނީ ބުނެފައެވެ. މިބޭފުޅުން ދެއްކި ވާހަތަކަށް ރިއާޔަތް ކުރައްވައި ސައީދު ވިދާޅުވީ ސަރުކާރުން މިކަމުގައިވެސް މަސައްކަތް ކޮށްފައިވަނީ ވަރަށް މަކަރުވެރި ގޮތަކަށް ކަމަށެވެ.

ސަރުކާރުން މިބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބަދަލުގައި މަސައްކަތް ކުރައްވާފައިވަނީ އޮޅުވާލައިގެން ވަރަށް މަކަރުވެރި ގޮތަކަށްކަމަށް ސައީދު ވިދާޅުވިއެވެ. މިއަދު ރާއްޖޭގެ ރެސްޓޯރެންޓު ކެފޭ، ކެންޓީން ވިޔަފާރީގައި ހަރަކާތްތެރިވާ %45 މީހުންގެ ވިޔަފާރި ބަގުރޫޓުވުމާއި ހަމާގައިވާއިރު މިއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރެސްޓޯރެންޓު ކެފޭ، ކެންޓީން ތަކުގެ ތެރެއިން އިންކަމް ސަޕޯޓް ލިބުނުކަމަށް ވަނީ އެންމެ 2 ޕަސެންޓް އަށް. 45 ޕަސެންޓް ބަގުރޫޓްވުމުގެ ބިރު އެބައޮތް. މިއީ ރާއްޖޭގެ ކުދިވިޔަފާރިތައް. ސަރުކާރުން މިކަމުގައި ދެއްކި ވާހަކަ ދިމައެއް ނުވޭ. މިއީ 1800 އަށް ވުރެ ގިނަ މެމްބަރުންގެ ޝަކުވާ.

– ސައީދު ވިދާޅުވިއެވެ.

ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓްތައް ހިންގާ ގިނަ މީހުންނަކީ ކުދި ވިޔަފާރިވެރިންނަށްވާއިރު، ބޮޑު ކުއްޔަށް ތަންތަން ނަގައިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ވިޔަފާރިއަށް އެރި ލޮޅުންތަކުގެ ސަބަބުން ގިނަ ތަންތަން ވަނީ މުޅިން އިނދަޖެހިފައެވެ. އަދި ކަރަންޓު ބިލާއި ފެން ބިލު ފަސްކޮށްދިން މުއްދަތުގެ ތެރޭގައިވެސް ބިލުތައް ނުދެއްކި، އެ ޚިދުމަތްތައް ކަނޑާލާފައި ހުރިކަން އިއްޔެގެ ކޮމިޓީގައިވެސް އެބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.