މުއިއްޒުގެ އިންތިޚާބީ ހައްޤަށް އަރައިގަންނަމުންދަނީ ނުފޫޒާއި ބާރު ނަަހަމަގޮތުގައި ބޭނުންކޮށްގެން: އިދިކޮޅު

މުއިއްޒުގެ އިންތިޚާބީ ހައްޤަށް އަރައިގަންނަމުންދަނީ ނުފޫޒާއި ބާރު ނަަހަމަގޮތުގައި ބޭނުންކޮށްގެން: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 08:14
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަން ޓިކެޓްގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ އިންތިޚާބީ ހައްގަށް އަރައިގަތުމަށް ސަރުކާރާއި، އެނޫން އިދާރާތަކުން ހިންގާ އަމަލުތައް ބަލައި ފިޔަވަޅު އެޅުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚު ކުޑަތަންވެފައިވަނިކޮށް، އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޕީ.ޕީ.އެމް. ގެ ނާއިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ތަފާތު މައްސަލަތައް ފެންމަތި ކޮށް، ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީގެ ސިޔާސީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ދައުލަތުގެ އެހެނިހެން މުއައްސަސާ ތަކަށް ހާޒިރު ކުރަމުން ގެންދާ ގެންދިއުން އިދިކޮޅު ކޯލިޝަނުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އަދި މިއީ ކަނޑައެޅިގެން އިންތިޚާބަށް ނުފުޒު ފޯރުވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުޢިއްޒު ގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމުގެ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ބޭނުންކޮށްގެން، ރާވައިގެން ހިންގަމުން ގެންދާ ސިޔާސީ ކަންތައްތަކެއް ކަމަށް އެކޯލިޝަނުން ބުނެއެވެ.

ޑރ. މުއިއްޒުގެ މައްސަލައެއް އޮތް ކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއްވީ އިރުވެސް އެމައްސަލަތައް ބަލާ ހާޒިރުކޮށް ހަދާފައި ނުވާއިރު، އިންތިޚާބަށް 2 ހަފްތާއަށް ވުރެ ގާތްވުމުން، މަޢުލުމާތު ސާފުކުރަން ކަމަށް ބުނެ ނުވަތަ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އިރު އިރު ކޮޅާ ދައުލަތުގެ މުއައްސަސާ ތަކަށާއި އޭސީސީއަށް އެމަނިކުފާނު ހާޒިރު ކުރަމުން ގެންދާ ގެންދިއުން ދޭހަވަނީ ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ގެއްލި މާލޭ ސިޓީ މޭޔަރުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަން ކަށަވަރުވެ، ސަރުކާރާއި އެމްޑީޕީ ޕްރެޝަރަށް ވެއްޓިފައިވާ މިންވަރުކަމަށް އިދިކޮޅު ބަޔާނުގައިވެއެވެ.

އެހެންކަމުން، އިދިކޮޅު ކޯލިޝަންގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ދައުލަތުގެ މުއައްސާތައް މެދުވެރިކޮށް އިންތިޚާބީ ޙައްޤަށް އަރައިގަނެ، ކުރަމުން ގެންދާ އެންޓި ކެމްޕެއިންގެ ޢަމަލުތައް މިހާރުން މިހާރަށް ހުއްޓަލުމަށް ވަނީ ގޮވާލާފައެވެ. އަދި ކަމާބެހޭ މުއައްސަސާތަކުން މިމައްސަލަތައް ބައްލަވާ ފިޔަވަޅު އެޅުއްވުމަށްވެސް ވަނީ ގޮވާލާފައެވެ.

ޑރ.މުއިއްޒު ވަނީ މިމަހުގެ ފަހުކޮޅު 2 ފަހަރެއްގެ މަތީން އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މުއިއްޒު ވިދަޅުވެފައިވަނީ ހާޒިރު ކުރަމުންދަނީ ސިޔާސީ ގޮތުން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ކުޑަކޮށްފެން ފަހަތަށް ނުޖެއްސޭނެކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.