ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް ބުނެ ކުރާ ކޯލްތަކަށް ސަމާލުވުމަށް ބީއެމްއެލުން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލުން ބުނީ މިހާރަކަށް އައިސް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މިފަދަ ކޯލްތަށް އެ ބެންކްގެ ކަސްޓަަމަރުންނަށް ލިބޭކަން ފާހަގަކުރެވިފައި ވާކަމަށެވެ.
އަދި ބީއެމްއެލުން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ވާހަކަ ތަކުރާރުކޮށް އެ ބެންކުން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ. އަދި ބެންކުން އެއްވެސް ހާލަތެއްގައި މޯބައިލް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ.
"ބޭންކުން ކަމަށް ބުނެ އަންނަ މިފަދަ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުއްވުމަށް ދަންނަވަމެވެ."
– ބީއެމްއެލް
Do not respond to fraud calls! Always remain vigilant and never share your account or card details with anyone.
View more information: https://t.co/lKAbjXcXs6 pic.twitter.com/9TIuGpAP03
— Bank of Maldives (@bankofmaldives) March 22, 2021
އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް ބެންކުން އިލްތިމާސްކުރެއެވެ. ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް ބެންކުން އިލްތިމާސްކުރެއެވެ.