ކޮންސަލްޓެންޓް ނޫނީ އެޑްވައިޒަރުންގެ ނަމުގައި އާއިލާ މީހުނަށް މަގާމުތަށް އުފައްދައިގެން ވެރިކަން ކުރުމަކީ ހުތުރު ނާތަހުޒީބު ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ކޮންސަލްޓެންޓަކަށް ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ގިނަދުވަހު ހިދުމަތްކުރައްވާފައިވާ އެމްއޭސީއެލްގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ޞާލިހު އައްޔަންކުރެއްވުމާގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މޫސާ ޞާލިހަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ބޮޑުބޭބޭ ފުޅެކެވެ.
މިކަމާގުޅިގެން ދިޔާނާ ވިދާޅުވީ ނެޕޮޓިޒަމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ހޯލްމާކެއް ކަމަށް ބުނެއުޅުނު ކަމަށެވެ.
"މިއަދު އަނެއްކާ މި ހުތުރު ދިވެހިން ތަހަންމަލް ކުރަންޖެހުމަކީ ހިތާމައެއް"
– ދިޔާނާ
ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ދިޔާނާ ސައީދު ގެންދަވަނީ އަދުގެ ސަރުކާރުގެ ތެރެއިން ފާހަގަކުރެވެމުން އަންނަ މިފަދަ ކަންކަމަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
އެގޮތުން ސަރުކާރުގެ ވަޒީރުންގެ އިތުބާރުނެތްކަމަށް ފާސްކުރުމުގައި ކަންކަން ކުރެވެމުންދާ ގޮތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައި ވަނިކޮށް ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގަތުމާއި ގުޅިގެން ވެސް ދިޔާނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ