ސިވިލް ސާވެންޓަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އަނގަމަޑުންލައިގެން ހުންނަންޖެހޭނެ މީހެއްކަމަށް ޤަބޫލުކުރުމަކީ ތަހުޒީބު ވިސްނުމެއްނޫންކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ)އަށް ރައްދު ދެއްވައިފިއެވެ.
ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށް ސައްލެ ވިދާޅުވުމުންނެވެ. ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތަށް ކޮންމެ މީހަކަށްމެ އޮންނަންވާނެކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ ޙަޟާރަތު ކުރިއަރައި ދިއުމުގެ އެންމެ މުހިންމު އެެއް އަސާސްކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވަނީ ސިވިލް ސާރވެންޓުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އަނގަމަޑުންލައިގެން ހުންނަންޖެހޭނެ މީހެއްކަމަށް ޤަބޫލުކުރުމަކީ ތަހުޒީބު ވިސްނުމެއްނޫންކަމަށާއި، ސިވިލް ސާރވެންޓުންނަކީ އެބަޔަކާމެދު ޤައުމު ފަޚުރުވެރިވާންޖެހޭނެ ބައެއްކަމަށްވެސް ވިދާޅުވެފައެވެ. އަދި މުޅި ދައުލަތް ހިންގުމުގެ ރައުސުލްމާލަކީ އެއީކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތަށް ކޮންމެ މީހަކަށްމެ އޮންނަންވާނެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ ޙަޟާރަތު ކުރިއަރައި ދިއުމުގެ އެންމެ މުހިންމު އެެއް އަސާސް
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 24, 2021
ސިވިލް ސާރވިސް މުވައްޒަފުންނަށް ޚިޔާލު ފާޅު ނުކުރެވޭނެކަމަށާއި، އެއީ މޫނެއް ނެތް ބައެއްގެ ގޮތުގައި ސިފަކުރައްވާ ސައްލެ ދެއްކި ވާހަކަތަކށް ސިވިލް ސާރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، ސައްލެ ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނާއި އެނޫންވެސް އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ސައްލެއަށް ފާޑު ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ