ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މޫނެއް، ނަމެއް ނެތް އަޅުން ނޫންކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެމެންބަރު ޢަލީ ޙުސައިން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ)އަށް ރައްދުދެއްވައިފިއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށް ސައްލެ ވިދާޅުވުމުންނެވެ. ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ "ފޭސް ލެސް" ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ.
އެވާހަކަތަކަށް ރައްދު ދެއްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މޫނެއް، ނަމެއް ނެތް އަޅުންނެއް ނޫންކަމަށެވެ. ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އެ މީހުންގެ ކިބައިން ނިގުޅައެއް ނުގަނެވޭނެކަމަށްވެސް މެންބަރު ޢަލީ ޙުސައިން ވިދާޅުވިއެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މޫނެއް ނަމެއް ނެތް އަޅުންނެއް ނޫން. ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އެ މީހުންގެ ކިބައިން ނިގުޅައެއް ނުގަނެވޭނެ.
— Ali Hussain (@AleeVoice) March 24, 2021
ސިވިލް ސާރވިސް މުވައްޒަފުންނާއި ގުޅޭގޮތުން ސައްލެ ދެއްކި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ