އިންޑިއާގެ އެހީގައި ފިޔަވަތި މަރާމާތުކޮށް ހުޅުވައިފި

އިންޑިއާގެ އެހީގައި ފިޔަވަތި މަރާމާތުކޮށް ހުޅުވައިފި

Author
މުޙައްމަދު ޖިމީ
24 މާރޗް 2021 05:06
0

އިންޑިއާގެ އެހީގައި ހުޅުމާލެގައި ހުންނަ ފިޔަވަތި މަރާމާތުކޮށް ހުޅުވައިފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުން އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިޔަވަތި މަރާމާތުކުރުމަށް ޚަރަދުކުރީ އިންޑިއަން ގްރާންޓް އެސިސްޓެންސްގެ 106 މިލިއަން ރުުފިޔާގެ ދަށުން 1.9 މިލިއަން ރުފިޔާއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ފޮރިންމިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އިޖްތިމާއީ-އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމާއި، މި މަޝްރޫއަކީ އަކީ މިދެންނެވި ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއްކަން ފާހަގަކުރައްވާފައެެވެ.

އިންޑިއަގެ އެހީގައި ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކުރެވި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރެވި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރެވުނެވެ. މި މަޝްރޫޢުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްފައިވާކަަމަށް ފޮރިން މިނިސްޓޤރީން ބުންޏެވެ. މި މަޝްރޫއު ހިންގީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންކަމަށާއި، މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫއުތަކަށް ހަރަދުކުރުންކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ ފިޔަވަތީގައި110 ކުދިން ބަލަހައްޓާމުން ގެންދެއެވެ.

ފިޔަވަތި މަރާމަތުކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފިޔަވަތީގެ ވެލްކަމިން އޭރިއާ ތަރައްގީކުރުމާއި، އިމާރާތުގެ ސެކިއުރިޓީ ތަރައްގީކުރުމާއި، ތުއްތުކުދިން ކުޅޭ އޭރިއާއެއް ގާއިމްކުރުމަށް ފެންޑާއެއް ބިނާކުރުމާއި، ފާރުތަކުގައި ކުޑަކުދިންނާއި ގުޅޭ ކުލަތައް ލުމާއި، ކޮމްޕިއުޓާ ސިސްޓަމްތަކާއި ޕްލޭ ސްޓޭޝަންތައް ގާއިމްކުރެވިފައިވާ ކޮމަން ރޫމްތައް ބިނާކުރުމާއި، ބަގީޗާ ސަރަހައްދުގައި އިތުރު ބެންޗުތައް ބެހެއްޓުމާއި، ބަގީޗާގައި ގަސް އިންދުމާއި، އިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދިނުމާއި، ދުވަހުން ދުވަހުގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ.

މި މަޝްރޫއުއަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 30 މަޝްރޫއުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫއުއެއްކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

މިގޮތުން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ތިން ބައިކުޅަ އެއްބައި މަޝްރޫއު މިހާރު ވަނީ ކާމިޔާބު ކަމާއިއެކު ނިންމާލެވި، އިފްތިތާހުކުރެވިފައެވެ. އެގޮތުން މާލެ ސަރަހައްދުން ބޭރުގައި ގާއިމް ކުރެވިފައިވާ އެންމެ ބޮޑު ކޮންވެންޝަން ސެންޓަރު ކަމަށްވާ އުކުޅަސް ކޮންވެންޝަން ސެންޓަރ އާއި، ކޮޅިފުށީގައި މަގުމަތީ ލައިޓް ހަރުކުރުމުގެ މަޝްރޫއުއާއި، ވާނީ ޕޮލިސް ސެންޓަރާއި، ގޮއިދޫ-ފެހެންދޫ ސްކޫލް ފެރީއާއި، 61 ރަށެއްގައި ގާއިމް ކުރެވޭ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ އިކުއިޕްމެންޓް ހަވާލުކުރެވުމާއި، އެކި އަތޮޅުތަކުގައި ގާއިމް ކުރެވޭ 67 ކުޑަކުދިންގެ ޕާކު ހިމެނެކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.