ޓެކްސީ ހިދުމަތްދެވޭ ގަޑި އިތުރުކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލީހުގެ ތަޅުމަށްވެސް ނުގެންނެވި ކަމަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ޙުސައިން މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ޤާނޫނު އަސާސީގެ23 ވަނަ މާއްދާގައި ކަށަވަރުކޮށްދޭ އިޖްތިމާއީ އަދި އިޤްތިޞާސީ ހައްގުތަކާއި37 ވަނަ މާއްދާއިން ލިބިދޭ މަސައްކަތްކުރުމުގެ ހައްގު ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކު ލިބިދޭން ޖެހޭ ކަމަށެވެ.
އަދި ކޯވިޑް19ގެ ސަބަބުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުގެ ތެރެއިން، މިމަހުގެ21 ވަނަ ދުވަހު މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓްތަކަށް ރޭގަނޑު10:30 އާ ހަމައަށް ހިދުމަތްދިނުމުގެ ފުރުސަތުދީފައިވީ ނަމަވެސް މާލޭގައި ޓެކްސީ ހިދުމަތްދޭ ފަރާތްތަކަށް އެފަދަ ފުރުސަތެއް ލިބިފައި ނުވާކަމަށް މި ކުއްލި މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން މިހާރު ކަނޑައަޅާފައިވާ އުސޫލުތައް އޮތްގޮތުން ޓެކްސީ ޑްރައިވަރުންގެ ތެރެއިން ގިނަމީހުން ހަވީރު6 ޖަހާއިރަށް ޓެކްސީ ޕާކްކޮށްފައި ގެއަށް ވަންނަ ޖެހޭތީ ޓެކްސީ ޑްރައިވަރުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ވަރަށްބޮޑު ނިކަމެތިކަމެއް ކުރިމަތި ވަމުންދާކަމަށެވެ.
ހަމައެހެންމެ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތްދެވޭ ގަޑި އިތުރުވީއިރު ޓެކްސީ ހިދުމަތް ދެވޭގަޑި އިތުރުނުވުމަކީ ދެކޮޅުޖެހޭ ކަމަކަމަށް ނުވާކަމަށްވެސް މި ކުއްލި މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިހާރު ދެމުންދާ ލުުއިތަކުގެ ތެރެއިން ޓެކްސީ ޚިދުމަތްދެވޭ ގަޑި އިތުރުކުރުމަށް ގޮވާލާކަމަށް މި ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
ނަމަވެސް މި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނެސްފައި ނުވަނީ ކޮން ސަބަބަކާހުރެ ކަން އަދި ސާފެއްނުވެއެވެ.
ކޮމެންޓު ފޮނުވާ