އަގުދަށް ބޭސް ދޫކުރުމަށްފަހު އަގުބޮޑު ބޭހަށް ބިލްކުރޭ: އާސަންދަ

އަގުދަށް ބޭސް ދޫކުރުމަށްފަހު އަގުބޮޑު ބޭހަށް ބިލްކުރޭ: އާސަންދަ

Author
މުޙައްމަދު ޖިމީ
23 މާރޗް 2021 06:30
0

ބައެއް ބެސްފިހާރަތަކުން އަގުދަށް ބޭސް ދޫކުރުމަށްފަހު، އަގުބޮޑު ބޭހަށް އާސަންދައަށް ބިލްކުރަމުން އަންނަކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ.

އާސަންދަ އިން ބުނީ،  ބޭސް ދޫކުރުމުގައި ބައެއް ބޭސް ފިހާރަތަކުން ބަލިމީހާއަށް އަގުދަށް ބޭސް ދޫކުރުމަށްފަހު އަގުބޮޑު ބޭހަށް އާސަންދައަށް ބިލްކުރާކަން ފާއިތުވި އަހަރުތަކުގެ ތެރޭގައި ފާހަގަކުރެވިފައިވާކަމަށާއި، ބައެއް ފަހަރު ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް 3 މަސްދުވަހަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީއަށް 2 މަސްދުވަހަށް ބޭސް ދޫކުރުމަށްފަހު، 3 މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުންފަދަ އޮޅުވާލުމުގެ މައްސަލަތައްވެސް ފާހަގަކުރެވިފައިވާކަމަށެވެ. އެފަދަ މައްސަލަތައް ބެލުމަށްފަހު އެފަދަ ފަރާތްތަކާމެދު އަޅާފައިވާކަމަށްވެސް އާސަންދައިން ބުންޏެވެ.

އާސަންދައިން ބުނީ އެފަދަ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުންނާއި، ސްކީމްގެ ޚިދުމަތްތައް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފޯރުކޮށްދިނުމަށް އާސަންދައިން ވަނީ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފައެވެ. އާސަންދައިގެ "ވިނަވި" ޕޯޓަލް ބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކުވެސް ހޯދާ ޚިދުމަތްތަކާ ނަގާފައިވާ ބޭސްތައް އެޕް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ. މިގޮތަށް ޗެކްކުރާއިރު ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަވާނަމަ އެޕް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށް އާސަންދައިން ބުންޏެވެ.

މީގެ އިތުރުން ސްކީމްގެ ޚަރަދުކުޑަކުރުމަށް، ސްކީމްގެ ތެރެއިން ދޫކުރެވޭ ބޭހުގެ އަގުތައް ރިވިއުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާކަމަށާއި، މި މަސައްކަތުގެ ތެރެއިން، އަގުގެ ފަރަގު ފާހަގަކުރެވޭ ބޭސްތައް އެތެރެކުރާ ފަރާތްތަކާއެކު އަގު ކުޑަކުރުމަށް އަބަދުވެސް މަޝްވަރާކުރަމުންދާކަމަށްވެސް އާސަންދައިން ބުންޏެވެ. އަދި މިހާރުވެސް މިފަދަ އެތައް ބޭހެއް ހަމަ އަގަށް ގެނައުމަށްޓަކައި ބޭސް އެތެރެކުރާ ފަރާތްތަކާ މަޝްވަރާކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ބުންޏެވެ. ނަމަވެސް ބައެއް ބޭސްތަކަކީ ވަކި ބަޔަކަށް މާރކެޓް އެކްސްކޫލިސިވިޓީ ދެވިފައިވާ (އެއް ވެންޑަރ ފިޔަވާ އެހެން ވެންޑަރ އަކަށް އެތެރެ ނުކުރެވޭގޮތަށް ހުންނަ) ބޭސްތަކަކަށްވުމުން، އެފަދަ ބޭސްތައް ހަމައަގަށް ގެނައުމުގައި ދަތިތަކާއި ކުރިމަތިވާކަމަށް އާސަންދައިން ފާހަގަކުރެއެވެ.

ނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި މިފަދަ މަރކެޓް އެކްސްކްލޫސިވިޓީ ދެވިފައިވާ ބޭހެއްކަމަށްވާ ޒޮވަންޓާ ބޭހުގެ އަގަށް ބަދަލުގެނައުމަށް އެ ބޭސް އެތެރެކުރާ ފަރާތާއެކު މަޝްވަރާކުރެވި އެކަން ކާމިޔާބުކުރެވިފައިވާކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ. އަދި އެންމެ ބޭހެއްގެ އަގަށް މިގެނެވުނު ބަދަލުގެ ސަބަބުންވެސް، އަހަރަކު ގާތްގަޑަކަށް ބާރަ މިލިޔަން ރުފިޔާ ސްކީމް ޚަރަދުން ކުޑަކުރެވޭނެކަމަށް އާސަންދައިން ބުންޏެވެ.

އާސަންދަ ސްކީމްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ބޭސްފިހާރަތަކަށް ކަމަށް ވީހިނދު، ކޮންމެ ބޭހެއްވެސް ދިވެހިރާއްޖޭގައި ވިއްކޭނޭ އެންމެ މަތީ އަގު (އެމް.އާރް.ޕީ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭ އިން އަދި ކަނޑައަޅާފަ ނުވިނަމަވެސް، އެއް ބޭހެއް އެކި ބޭސްފިހާރަތަކުން އެކި އަގުގައި ވިއްކަމުންދާ މައްސަލަ ހައްލުކުރުމުގެ މަޤްޞަދުގައި، ސްކީމްގެ ތެރެއިން ބޭސްދޫކުރުމަށް ހުރިހާ ބޭހަކަށް ވަކި އަގުތަކެއް ފާއިތުވީ އަހަރުތަކުގެ ތެރޭގައި އާސަންދައިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އޮކްޓޫބަރު 2019 ގައި، އޭރު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތްދެމުންދިޔަ ހުރިހާ ބޭސްފިހާރައެއްގެ އެގްރީމެންޓް އާކޮށް ސޮއިކުރުމާއެކު، އެއް ބޭހެއް އެކި ބޭސްފިހާރައިން އެކި އަގުގައި ސްކީމްގެ ދަށުން ދޫކުރުމުގެ ބަދަލުގައި، ކޮންމެ ބޭސްފިހާރައަކުންވެސް އެއް ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނީ އެއްއަގަކަށް ކަމަށް ހަމަޖެހިގެންދިޔަކަމަށް އެކުންފުނިން ބުންޏެވެ.

އެމް.އެފް.ޑީ.އޭ އިން ކޮންމެ ބޭހެއްވެސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުންވެސް، އާސަންދަ ސްކީމްގެ ތެރެއިން މިވަގުތު ދޫކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތިންހާހަށް ވުރެ ގިނަ ބޭސް، ބޭސްފިހާރަތަކުން ލިބެން ހުންނަނަމަ، ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށްވްސް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.