ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއެކު މިހާތަނަށް ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް މިއަދު ހުޅުވާލެވިފައިވާ ސިޓީއެއް ހުށަހަޅައިފި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ހުޅުވާލެވިފައިވާ ސިޓީގައި ބުނެފައި ވަނީ ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން ދެއްކި ހުވަފެންތަކާ ހިލާފަށް ގައުމުގެ މިނިވަންކަމާއި ސަލާމަތާއި ސިޔާދަތަށް ބެލުމެއް ނެތި އަޑި ނޭނގޭ ސިއްރު އެތައް އެއްބަސްވުންތަކެއް އިންޑިއާ ސަރުކާރާއެކު ސޮއިކޮށްފައިވުމުން ގައުމުގައި އިންތިހާ އަށް ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފައިވާކަމަށެވެ.
އޭގެ ތެރޭގައި އުތުރު ތިލަފަޅާއި އިންޑިއާ އިން ހަދިޔާ ކުރި ހެލިކަޕްޓަރުގެ އެއްބަސްވުމާއި ޑޯނިއާ މަތިންދާ ބޯޓެއް ދިނުމުގެ އެއްބަސްވުމާއި ރާޑަރުތައް ބެލެހެއްޓުމާއި ހައިޑްރޮގްރަފީ ހެދުމުގެ އެއްބަސްވުން ހިމެނޭ ކަމަށްވެސް މި ސިޓީގައި ވަނީ ބުނެފައެވެ.
އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައި ދިނުމަށާއި ރައްޔިތުންނަށް ކުޑަ ވެސް ލޯތްބެއް އޮތް ނަމަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ގޮތަށް އަދުގެ ސަރުކާރުން ސޮއިކޮށްފައިވާ އަޑި ނޭނގޭ ސިއްރު އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކޮށްދޭން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައީސަށް ވަނީ ދަންނަވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ އެ ކޯލިޝަންގެ ހަރަކާތު ކޮމިޓީން، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ